18 Mar 2017, 19:41
އުތުރުގެ ރަށްތަކަށް ކާޑު ބަރުކޮށްގެން ދަނިކޮށް އިއްޔެ ރޭ ދަންވަރު މާލެ އަތޮޅު މަކުނުދޫ އައިލެންޑް ރިސޯޓުގެ ފަރަށް އެރި 'އިނާ' ނަމަކަށް ކިޔާ ދޯނީގައި ހުރި ގިނަ އަދަދެއްގެ ކާޑު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު އިތުރު ޝިޕްމަންޓެއް އެ ސަރަހައްދަށް ފޮނުވާލުމުގެ މަސަތްކަތް ކުރަމުންދާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.
'ސަން' އާ ވާހަކަ ދައްކަމުން ޝަހީރު ވިދާޅުވީ، ދޯނި ފަރަށް އެރުމުގެ ސަބަބުން އޭގައި ހުރީ 1800 ބަސްތާ ކާޑުގެ ތެރެއިން ބޮޑުބައި ވަނީ ބޭނުން ނުކެރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން އުތުރަށް ކާޑު ލިބުމުގައި އެއްވެސް ވަރެއްގެ ދަތިކަމަކާ ކުރިމައްޗެއް ނުވާނެ ކަމަށެވެ.

"އިނާ" ނަމަކަށް ކިޔާ ދޯނި (ކ) ފަރަށް އެރުމުން އޭގައި ހުރި ކާޑު ސަލާމަތް ކުރުމަށް މަސަތްކަތް ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް
"މިހާރު މިއަންނަނީ އުތުރަށް ކާޑު ފޮނުވާލުމަށް ތައްޔާރުވަމުން. ރަށްރަށުން ކާޑު ހުސްވުމުގެ ކުރިން އެ ސަރަހައްދަށް ކާޑު ލިބޭނެ. ކާޑު ލިބުމުގައި އެއްވެސް ދައްޗަކާ ކުރިމަތިލާކަށް ނުޖެހޭނެ،" ޝަހީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީީ، ދޯނީގައި ހުރީ ހަނޑޫ، ހަކުރު އަދި ފުށް ކަމަށާއި އެހުރިހާ މުދަލެއް ވެސް އިންޝުއަރެންސް ކޮށްފައިވުމުގެ ސަބަބުން އެސްޓީއޯއަށް ގެއްލުމެއް ކުރިމަތި ނުވާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ ފަރަށް އެރި ދޯނި، ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ އެހީތެރިކަމާ އެކު ވަނީ އިއްޔެ ހަވީރު 5:00 ކަންހާއިރު ފުންކޮށް ތިލަފުއްޓަށް ވައްދާފައެވެ.