މިވަގުތު ބޮލީވުޑުގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ޒުވާން ހުނަރުވެރި ބަތަލާ އާލިއާ ބަޓް، ހަ މަސް ދުވަހުގެ ބްރޭކެއް ނަގަން ނިންމައިފި އެވެ.

ކެރިއަރު އެންމެ ބޮޑަށް ފައްކާވެފައި ވަނިކޮށް އާލިއާ ކުއްލި ގޮތަކަށް އެކްޓިންނުން ބްރޭކެއް ނަގަން އުޅޭކަން އިއުލާނު ކުރުމުން ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިގެން ގޮސްފަ އެވެ.

އެންމެ ފަހުން ރިލީޒްވި އާލިއާގެ ފިލްމު 'ބަދްރީނާތު ކީ ދުލްހަނިޔާ' އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ކުރިއަށް އޮތީ ރަންބީރު ކަޕޫރު އާއެކު ކުޅެން ހަމަޖެހިފައިވާ ފިލްމު 'ޑްރެގަން' އެވެ.

"އަޔާން މުކަރްޖީގެ ޑްރެގަންގެ މަސައްކަތް ފަށާނީ ސެޕްޓެމްބަރުގައި. އެހެންވީމަ އެހާ ހިސާބަށް އަހަރެން އެކްޓިންގ އާ ދުރުވެ، އާ ތަޖުރިބާތަކެއްކޮށް، އާ ހުނަރުތަކެއް ދަސްކުރަމުން ގެންދާނަން،" އާލިއާ ބުނެފައިވެ އެވެ.

އެގޮތުން، ޕިއާނޯ ކުޅެން ދަސްކުރުމުގެ އިތުރުން، ކަތަކް ނެށުން ވެސް ދަސްކުރަން އާލިއާ ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ހަ މަސް ދުވަހުގެ ބްރޭކްގައި އާލިއާ ކައްކަން ދަސްކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.