18 Mar 2017, 20:32
ދުނިޔޭގެ ތާރީހުގައިވެސް ހޯދިފައިވާ 10 ވަނަ އަށް އެންމެ ބޮޑު އަލިމަސް ކަމަށް ލަފާ ކުރެވޭ 706 ކެރެޓުގެ އަލިމަހެއް ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސިއޭރާ ލިއޯން އިން ފެނިއްޖެ އެވެ.
އިމަނުއެލް މޮމޯ ނަމަކަށް ކިޔާ މީހަކަށް އެ އަލިމަސް ފެނިފައި ވަނީ މައިން ކުރާ ސަރަހައްދަކުންނެވެ. އޭނާ ވަނީ އެ އަލިމަސް އެގައުމުގެ ރައީސާ ހަވާލުކޮށްފައެވެ. އެ އަލިމަހުގެ އަގު ޔަގީން ކުރެވެން ދެން އޭތި އޮންނާނީ ގައުމުގެ މަރުކަޒީ ބޭންކުގައެވެ.
އަދި މޮމޯއަކީ ސަރުކާރުގެ ހުއްދައަކާ އެކު މައިން ކުރުމުގެ މަސައްކަތް އަމިއްލައަށް ކުރާ މީހެއް ކަމުން އެ އަލިމަސް ވިއްކުމުން ލިބޭ ހުރިހާ ފައިސާ ލިބޭނީ އޭނާ އަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެމެރިކާގެ އަލިމަހާ ބެހޭ މާހިރެއް ކަމަށްވާ ޕޯލް ޒިމްނިސްކީ ބުނި ގޮތުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު އަލިމަހުގެ ލިސްޓުން އެ އަލިމަސް 10 ވަނަ އާއި 15 ވަނައާ ދެމެދުގެ ޖާގައެއް ހޯދާނެ އެވެ.
އެތައް މިލިއަން ޑޮލަރަށް އެ އަލިމަސް ވިކޭނެ ކަމަށް ލަފާ ކުރެވިފައިވާ އިރު 25 ކެރެޓުގެ އަލިމަހެއް 2.8 މިލިއަން ޑޮލަރާއި 4.7 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭ ކަމަށް ޒިމްނިސްކީ ބުންޏެވެ.