18 Mar 2017, 15:40
ތިއޭޓަ މިރާޖާއި އޯކޭޒް އިންކް ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު ގެނެސްދޭން ނިންމާފައިވާ ފިލްމު،"އިލް ނޮއިސް"ގެ ޕްރިމިއާ ފަސްކުރަން އެ ފިލްމުގެ ޓީމުން ނިންމައިފި އެވެ.
"އިލް ނޮއިސް"ގެ ޓީމުން ބުނި ގޮތުގައި، ފިލްމް ޕްރިމިއާ ފަސްކުރަން ނިންމީ، މިހާރު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފުލޫގެ ސަބަބުން ނެވެ.
"މިގޮތަށް ނިންމީ ރާއްޖޭގެ މިވަގުތު ހާލަތަށް ވިސްނުމަށް ފަހު ޓީމުގެ އެންމެންގެ މަޝްވަރާގެ މަތިން،" ފިލްމުގެ ޓީމުން ބުންޏެވެ.
މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޝްވެކް ސިނަމާގައި ޓިކެޓް ވިއްކަމުން އައި "އިލް ނޮއިސް"ގެ ޕްރިމިއާ ފަސްކުރުމުން ފިލްމު ބަލާލަން ބޭނުންވެފައި ތިބި މީހުންނަށާއި ޓިކެޓް ގަނެގެން ތިބި މީހުންނަށް އެ ފިލްމުގެ ޓީމުން ވަނީ މާފަށް އެދިފަ އެވެ.
"ފިލްމު ބެލުމަށް އިންތިޒާރު ކުރަމުންދިޔަ އެންމެހައި ސަޕޯޓަރުންނަށާއި ޓިކެޓް ނަގާފައިވާ ފަރާތްތަކުގެ ކިބައިން މާފަށް އެދެން. މިއީ ފަސޭހަ ނިންމުމެއް ނޫން ކަމުގައިވީ ނަމަވެސް މުޖުތަމައުގެ ރައްކާތެރިކަމަށް ޓަކައި މިވަގުތު އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް،" އިނގިރޭސި ބަހުން ގިނަ ޑައިލޮގްތައް ހިމެނޭ ގޮތަށް ހަދާފައިވާ "އިލް ނޮއިސް"ގެ ޓީމުން ބުންޏެވެ.
"އިލް ނޮއިސް" ގެ ޓްރެއިލާ---
"އިލް ނޮއިސް"ގެ ޓީމުން ބުނީ، ފިލްމު އަޅުވާނެ ތާރިހެއް ދެން އިއުލާން ކުރާނީ ސަރުކާރުގެ މުއައްސަސާތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ފިލްމުގެ ޕްރިމިއާ ފަސްކުރި ކަމުގައި ވިޔަސް ފިލްމާ ގުޅުންހުރި ހާއްސަ ޕްރޮމޯޝަންތަކާއި އެ ފިލްމުގެ އިތުރު މަންޒަރުތައް،ފޭސްބުކް ޕޭޖުންއަދި ޓުވިޓާ އިން ކުރިޔަށް ހިންގަމުންދާނެ ކަމަށް ވެސް އެ ފިލްމުގެ ޓީމުން ބުންޏެވެ.
އޭގެ އިތުރުން ރާއްޖޭގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން، ރައްކާތެރިވުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅު ތަކެއް އެޅުމަށާއި ބަލީގެ އަލާމާތެއް ހުރިކަމަށް ޝައްކުރުރެވޭ ނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް ވެސް ޓީމުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

"އިލް ނޮއިސް" ގެ ފޯސްޓަރެއް---
އަހުމަދު މައުރޫފް ޖަމީލް (އަންދު)ގެ ސްކްރީންޕްލޭ އަކަށް އިސްމާއީލް ނިހާދު ޑައިރެކްޓް ކޮށްފައިވާ "އިލް ނޮއިސް" ކުރިން ޝްވެކްގައި އަޅުވަން ހަމަޖައްސާފައި ވަނީ މި މަހުގެ 23 އިން ފެށިގެން 30 ގެ ނިޔަލަށެވެ.
މީގެ ކުރިން ސްޓޭޖް ޑްރާމާއެއްގެ ގޮތުގައި ދައްކާފައިވާ "އިލް ނޮއިސް" ފިލްމެއްގެ ގޮތުގައި ބެލުންތެރިންނަށް ދައްކަން ހަމަޖެހިފައިވާ އިރު އެ ފިލްމުގެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭން ބޭރުގައި ވެސް ފިލްމު އަޅުވައި ކާމިޔާބީތައް ހޯދުމެވެ.