ގދ. ތިނަދޫގައި ފުލުސް ވޭނަކާއި ސައިކަލެއް ޖެހި މިއަދު ހެދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

އަނިޔާވި މީހާއަށް ތިނަދޫ ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުން އަންނައިރު އޭނާ އޮތީ ކޯމާއެއްގަ އެވެ. އަނިޔާވި މީހާ އަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރަކު ސަންއަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ބޮލަށާއި ކަނދުރާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެކްސެންޑުގައި ޒަހަމްވެ ކޯމާއެއްގައި އޮތީ ތިނަދޫ ބްރޯން، މޫސާ މަނިކު 32 އެވެ. އޭނާ އިނީ އެކްސިޑެންޓްވި ސައިކަލް ދުއްވާށެވެ.

ހޮސްޕިޓަލުގައި ހުރި މީހަކު ސަން އަށް މަޢުލޫމާތު ދެމުން ބުނީ އަނިޔާވި މީހާގެ ކަނދުރާގެ ކަށިގަނޑަށް ޒަޚަމްތަކެއް ލިބި ކަނދުރާ ބިނދިފައިވާ ކަމަށެވެ.

ތިނަދޫން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެ އެކްސިޑެންޓް ހިނގީ ތިނަދޫ ބޮޑުމަގުގެ ގްރީން އޭރިއާ ކައިރިން ކަމަށެވެ. އަދި އެ އެކްސިޑެންޓް ހިނގީ ފުލުސް ވޭން ދުއްވަމުން ދިޔަ މީހާ އަށް ސައިކަލް ފެނުމުން ރޭހަށް އޮބައިލެވިގެން ކަމަށެވެ. އަދި ވޭނާއި ސައިކަލުޖެހި ގާތް ގަނޑަކަށް 25 ފޫޓު ދުރަށް ސައިކަލު ދުއްވަން އިން މީހާ ވިއްސައިގެން ދިޔަ ކަމަށް ވެސް ތިނަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ ވެހިކަލަކާ ސައިކަލެއްޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ ވަރަށް ސީރިއަސް ކަމަށާއި އެ ހާދިސާ ހިނގި ގޮތް އިތުރަށް ސާފު ކުރަމުން އަންނަ ކަމަށެވެ.