18 Mar 2017, 15:12
ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ އެންވަންް އެންވަން އިންފުލުއެންޒާ ރޯގާއަށް ޕޮސިޓީވް ވެފައިވާ މީހުންގެ ތެރެއިން ހަ މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.
އިއްޔެ ޑޮކްޓަަރަށް ދެއްކި މީހުންގެ ތެރެއިން އެޗްވަންއެންވަންއަށް ޓެސްޓްކޮށްފައި ވަނީ އަށް މީހެކެވެ. އޭގެތެރެއިން ޕޮސިޓިވްވެފައިވަނީ ހަ މީހެކެވެ.
މިއަދު އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޗްވަންއެންވަންއަށް ޕޮސިޓިވްވި ހަ މީހަކު އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ. އެމީހުންނަށް ފަރުވާދެމުންދަނީ މާލޭ ހޮސްޕިޓަލުތަކުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ އަދަދު އެހެންދުވަސްތަކާ އަޅާ ބަލާއިރު އިއްޔެ ވަނީ މަދުވެފަ އެވެ. އެގޮތުން އަތޮޅުތަކުން 869 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ އިރު މާލޭން ދައްކާފައި ވަނީ 680 މީހެކެވެ.
ހަލުވި ކަމާ އެކު ފުލޫ ފެތުރޭތީ ސުކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެ އިތުރުން މީހުން އެއްވެ އުޅޭތަންތަނަށް ދިއުން މަދުކުރުމާއި ރޯގާ ޖެހިއްޖެ ނަމަ ގޭގައި މަޑުކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރޯގާއިން ރައްކާތެރިވުމާއި ފެތުރުން މަދުކުރުމަށް އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް މާސްކް އެޅުމާއި އަވަސް އަވަހަށް އަތް ސާފުކުރުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.