18 Mar 2017, 15:01
އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަަކަށް ސީރިއަސް އަނިޔާތަކެއް ލިބެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަލަކު 'ސަން' އަށް ވިދާޅުވީ އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:10 އެހައިކަންހާއިރު ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑެއްގައި ލިންކް ރޯޑްގެ މަރަދޫ ބޭންޑް ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި ހޮޅިދަނޑިއެއްގައި ޖެހުމުން ކަމަށެވެ.
ހިދަތޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު ސާހު ސައީދު ވިދާޅުވީ އެކްސިޑެންޓްގައި ޒަޚަމްވެފައިވަނީ 29 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ.
އައްޑޫ ލިންކް ރޯޑަކީ ދޭތެރެ ދޭތެރެއިން ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގާ މަގެކެވެ. އަދި ލިންކް ރޯޑްގައި ހިނގާފައިވާ އެކްސިޑެންޓްތަކުގައި ބައެއް މީހުން ވަނީ މަރުވެފައެވެ.