18 Mar 2017, 14:21
ޗާޖަށް ޖަހާފައި އޮތް އައިފޯނަކާ ކުޅެން ބާތު ޓަބެއްގައި އޮތް މީހަކު މަރުވީ ކަރަންޓު ޖެހިގެން ކަމަށް އިނގިރޭސިވިލާތުގެ މީހެއްގެ މަރުގެ ތަހުގީގުން ދައްކައިފި އެވެ.
އުމުރުން 32 އަހަރުގެ ރިޗާޑް ބުލްގެ މަރު ތަހުގީގު ކުރި ފަރާތްތަކުން ބުނި ގޮތުގައި އޭނާ މަރުވީ ޗާޖަރު ފެނުގައި ޖެހުމުންނެވެ. އޭރު އޭނާ ފޯނު ބޭނުން ކުރަމުން ދިޔައީ އެކްސްޓެންޝަން ވާގަނޑަކާ ގުޅުމަށް ފަހު، މޭމަތީގައި ފޯނު ބާއްވައިގެން ކަމަށް ކަމާ ބެހޭ ފަރާތުން ބުންޏެވެ.
'ދަ ސަން'ގައިވާ ގޮތުން އެ ހާދިސާގެ ސަބަބުން ބުލްގެ މެއިމައްޗާއި އަތް ވަރަށް ބޮޑަށް ފިހި، އޭނާ މަރުވީ ޑިސެމްބަރު މަހުގެ 11ގަ އެވެ. އަދި އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެކަން ޔަގީން ކުރުމަށް ޓަކައި، ބުލްގެ މަރާ ބެހޭ ތަފްސީލު އެޕަލްއަށް ފޮނުވާފައި ވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ކަރަންޓަށް ގުޅާ ސާމާނު ބޭނުން ކުރުމުގައި ރައްކާތެރިވުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ޗެރިޓީ އިލެކްޓްރިކަލް ސޭފްޓީ ފާސްޓުން ވަނީ އެފަދަ ސާމާނު ފެނާ ކައިރީގައި ބޭނުން ނުކުރުމަށް ލަފާ ދީފަ އެވެ. (ބީބީސީ)