03 Jul 2011, 11:17
މާލެއަކީ، ތަފާތު އެކި ނަންނަމުގައި، އެކި އެކި ޚިދުމަތް އާންމުންނަށް ފޯރުކޮށްދޭ ސިޓީއެކެވެ. ރާއްޖޭގެ އެހެން ހުރިހާ ރަށަކާ އަޅައި ބެލިޔަސް މާލެއަށް ވުރެ ވަކިން ފުޅާކޮށް ގިނަ ޚިދުމަތް ދޭ އެއްވެސް ރަށެއް މި ގައުމަކު ނޯންނާ އެވެ. ބޮޑެތި މުހިންމު ޚިދުމަތްތަކުން ފެށިގެން ގޮސް އެންމެ އާދައިގެ ކުދި ކުދި ޚިދުމަތްތަކާ ހަމަޔަށެވެ. މީގެ ތެރެއިން ގާތްގަނޑަކަށް %99 ޚިދުމަތަކީ، ކޮންމެވެސް ސިފައެއްގައި އަގު ނަގައިގެން ދެވޭ ޚިދުމަތްތަކެވެ. (%100 އޭ ނުދެންނެވީ ސަރުކާރުން ހިލޭ ދޭ ޚިދުމަތް، ކޮންމެވެސް މިންވަރަކަށް ހުރީތީ އެވެ.) އެހެންކަމުން ޚިދުމަތައް ފޯރުކޮށްދޭ ފަރާތްތަކުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް، އޯގާވެރި އަތަކުން ތިރި ހިތަކާއެކު، ޚިދުމަތް ދެވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ.
މިފަހަރު މިވާހަކަ ފަށައިގެން މިއުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ހިތަށް ހަމަ ދަތިވެގެންނެވެ. ދިމާވާ ތަފާތު ކަންކަމާހުރެ އެވެ. އެހެންނަމަވެސް އެފަދަ ހުރިހާ ވާހަކައެއް މިފަދަ ދެތިން ފޮޅުވަތެއްގައި ލިޔެ ހާމަކުރާކަށް ފަސޭހައެއް ނުވާނެ އެވެ. ދާދި ފަހުން ދިމާވި ކަމެއްގެ ވާހަކަ ލިޔެލާނަމެވެ. އަޅުގަނޑުވެސް އެ ނަސްލަކަށް ނިސްބަތްވާ ދިވެހި ނަސްލާ ގުޅުވައިގެން މިފަދަ ވާހަކަ ލިޔަންޖެހޭތީ ދެރަވެސް ވެއެވެ.
އެއީ މީގެ ދެތިން ދުވަސް ކުރި އެވެ. ތަނެއް ނުދަންނަވާނަމެވެ. މާލޭގައި އަމިއްލަ ފަރާތަކުން ހިންގާ ނަން މަޝްހޫރު ހަސްފަތާލެކޭ ދަންނަވައި ފުއްދައިލާނީ އެވެ. އަޅުގަނޑު ދިޔައީ ސިއްޙީ ފަރުވާއެއް ހޯދާށެވެ. މެޝިނުން ނަންބަރެއް ނަގައިގެން، ކުޑައިރުކޮޅަކު ކިޔުގައި ހުރެލުމަށްފަހު، ކޮށިގަނޑު ކައިރިއަށް ހިނގައްޖައީމެވެ. އިނީ ޒުވާން އަންހެން ކުއްޖެކެވެ. ވަރަށް ރީތިކޮށް ނަލަ ހެދިލައިގެންނެވެ. ތުންފަތުގައި ރަތް ކުލަ އެވެ. މޫނުމަތީގައި ތާޒާ ކަމެވެ. ހިތަށް އެރިއެވެ. ޚިދުމަތްދޭ ކުދިން ތިބެންޖެހޭނީ މިހެން ރީތިވެލައި ގެންނެވެ. އަންނަ މީހުންގެ ހިތަށް ކިހާ ބޮޑު ފަރުވާއަކަށް ވާނޭހެއްޔެވެ؟
އެކުއްޖާއާ ދިމާއަށް އަޅުގަނޑަށް ހުއްޓާލެވުނު ތަޢުރީފުގެ ނަޒަރު އޭގެ އަނެއްކޮޅަށް ފުރޮޅިގެން ދާކަށް ހަމަ އެންމެ މިނެޓެއް ވެސް ނުނެގި އެވެ. އެހެރަ ބަލައިލި ފާޑެކެވެ. މޫނުމަތީގައި އެހެރަ ބަނަ ކަމެކެވެ. ގަދަ ރަތްކުލަ ޖެހިފައިވާ އެ ދެތުންފަތުގައި ހިނިތުންވެލުމުގެ ކުލަ މިއިން ޒަމާނަކުވެސް ޖެހިފައިވާ ނުވާ ކަހަލަ އެވެ. ވާހަކަ ދެއްކުމުގައި ހުރީ އަދަބުކުޑަ ގޮތެކެވެ. އަޅުގަނޑަށް ކުރެވުނީ، ދޭ ހިތް ނުވެފައި ހުރި މީހެއްގާތަށް ދަރަންޏަށް އެއްޗެއް ނަގަން އައިސް ހުރެވުމުން ކުރެވޭކަހަލަ ނުތަނަވަސް އިޙުސާސެކެވެ. ހިތާނުވި ވަރުން އެއްޗެއް ބުނަން އަނގަ ހުޅުވައިވެސް ލެވުނެވެ. އެކަމަކު ކެތްތެރިވެލީ އެއީ އޭނާގެ ފެންވަރުކަން ހިތަށް ގެންނަމުންނެވެ. ޚިދުމަތް ހޯދައިގެން ދުރަށް ޖެހިލުމުން ދެން ހުރި މީހާއާވެސް އޭނާ ކުރިމަތިލީ ހަމަ އެފާޑަށެވެ.
މިއީ ތައުލީމީ ޒަމާނެވެ. އެފަދަ ކޮންމެ ތަނެއްގައި ވެސް އިންނާނީ ތަންދޮރު ދަންނަ، ތަޢުލީމީ އުރަތްޕެއް ހުރި މީހެކެވެ. ނުވަތަ ކުއްޖެކެވެ. ޚިދުމަތް ހޯދަން އަންނަ މީހުން ހިތްހަމަ ޖެހޭނެ ގޮތާއި، ފޫހިވާނެ ގޮތްވެސް އެނގޭނެކަމަށް ހީކުރެވެނީ މިހެންވީމަ އެވެ. ފުސްމޫނާއި، ބޮޑާ ކުލަވަރާއި، ނުރުހުމުގެ ބެލުންތަކާއި، ހަރުކަށި ބަސްތަކާއި، މަލާމާތުގެ ތުން އެނބުރުމާއި، މިފަދަ ސިފަތަކީ ހަމަ އެކަކުވެސް ރުހުމުގެ ލޮލަކުން ބަލައި، ތައުރީފުގެ ލަފުޒަކުން އިނާމެއް ދޭނެ ސިފަތަކެއް ނޫނެވެ. އެހެން އުޅޭ ކުދިން އެ އުޅެނީ ކޮން މޮޅެއް ހޯދަން، ކޮން މެޑެއްޔެއް ޖަހަން ބާވައޭ ހިތަށް އަރައެވެ.
ރީތި ހިނިތުންވުމަކާއެކު، ހިތްހެޔޮ ބަސްތަކުން މުޚާތަބުކޮށް، ކެތްތެރިކަމާއެކު ޚިދުމަތްދޭ ފަރާތްތަކާ ވެސް ދިމާވެ އެވެ. އެކަމަކު ހިތާމައަކީ މި ގޮޅިއަށް ފެތޭ މީހުން އަދިވެސް މަދުކަމެވެ. ސަރުކާރު އޮފީހަކަށް ވަދެލިޔަސް، އަމިއްލަ ކުންފުންޏެއްގެ އޮފީހުގެ ދޮރު ހުޅުވައިލިޔަސް، ވިޔަފާރުކުރާ ތަނަކަށް ވަދެލިޔަސް، ގިނަ ފަހަރަށް ކުރެވެނީ ކުށްވެރި ވެގެން، ނުވަތަ ދަރަނިވެރި ވެގެން ގެނެވިފައި ހުންނަ މީހެއްގެ އިހުސާސެވެ. ތިމާމެން މި ގޮނޑީގައި ބައިތިއްބާފައި މިތިބެނީ، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް، ވީ އެންމެ ރަނގަޅަކަށް ޚިދުމަތްދޭން ކަމެއް ނޭނގޭތީ ވާގޮތެވެ. މަހުން މަހަށް ލިބޭ މުސާރަކޮޅު މި ލިބެނީ، ކީއްވެގެންކަން ނުވިސްނޭތީ ވާގޮތެވެ.
މިއީ ތަނުގެ ވެރިންނާއި، އިސް ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު ކަމެކެވެ. ތިމާމެންގެ ވިޔަފާރި ނުވަތަ އަގުނަގާފައި ފޯރުކޮށްދޭ ޚިދުމަތް، އާންމުންނާ ހަމައަށް ގެންގޮސްދޭ މެދުވެރިންނަކީ އެފަދަ ކަމަކަށް ގާބިލުބައެއްތޯ ނުވަތަ ނޫންތޯ ބެލުމެވެ. އެފަރާތްތަކަށް އެކަށީގެންވާ ތަމްރީނުތައް ދިނުމެވެ. އޭރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތް ދޭ ފަރާތްތަކަށް ވެސް ލިބޭ ފައިދާއާއި ހިތްހަމަޖެހުން އިތުރުވެގެން ދާނެ އެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ހިތްހެޔޮ ޚިދުމަތެކެވެ.