މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި، ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ހ. މުޅަދޫ ގޭގައި ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ 34 އަހަރުގެ އަންހެނަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖެއް އަދި 12 އަހަރުގެ އަންހެން ކުއްޖަކަށެވެ. އަނިޔާވި ތިން މީހުންނަށް ވެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް 'ސަން'އަށް ވިދާޅުވީ، ގޭސްފުޅި ގޮވައިގެން އެ ހޮސްޕިޓަލަށް ގެނައި ތިން މީހުންނަށް ވެސް އެމެޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ.

ޑަކްޓަރުންނާ ހަވާލާދީ މައުސޫމް ވިދާޅުވީ، "އެއްވެސް މީހެއެއްގެ މޭޖާ ބާނެއް ނެތް. ހާލު ސީރިއަސް ނޫން ކަމަށް،" ކަމަށެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ޒަހަމްވި އަންހެން މީހާގެ އަތް ވަނީ ފިހިފަ އެވެ. ޒަހަމްވި ދެ ކުދިންގެ ތެރެއިން އެކެއްގެ ފައިގެ ކަށިމަތިން ފިހިފައިވާއިރު، އަނެއް ކުއްޖާގެ އަތުގެ އިނގިލިތައް ވަނީ ފިހިފަ އެވެ.

މުޅަދޫގޭގެ ވެރިފާތް އަހުމަދު ނާޒިމް ބުނީ އެ ހާދިސާ ހިނގާފައި ވަނީ އެ ގޭގެ ތިން ވަނަ ބުރީގައި ކަމަށާއި އެ ހާދިސާ ހިނގީ ބަދިގޭގައި ރޮށި ފިހަން އުޅެނިކޮށް ކަމަށެވެ.

"ލަފާ ކުރެވޭ ގޮތުގައި އެކަމެއް ހިނގީ ގޭސް ފުޅި އާއި ރެގިއުލޭޓަރު ގުޅޭ ހިސާބުން ލީކެއްވުމުގެ ސަބަބުން،" މުޅަދޫގޭގެ ވެރިފާތް އަހުމަދު ނާޒިމް ބުންޏެވެ.

އެ ހާދިސާގައި އަންހެނަކާއި ތިން ކުޑަކުދިންނަށް ވެސް އަނިޔާވީ ގޭސް ފުޅިން ގޭސް ލީކުވެ، އަލިފާން ރޯވެގެން ކަމަށް ކަމަށް ނާޒިމް ބުންޏެވެ. ރޯވި އަލިފާންގަނޑު ނިއްވާލީ ގޭގައި އޭރު އުޅުނު މީހުން ކަމަށް އޭނާ ބުންޏެވެ.

ގޭސް ލީކުވެ، އަލިފާން ހިފީ ވިލާ ގޭސްފުޅިއެއްގަ އެވެ.