18 Mar 2017, 13:32
ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާއިން ސަލާމަތް ވުމަށާއި ރޯގާ ފެތުރުން މަދުކުރުމަށް ގިނަ ބަޔަކު ދަނީ މާސްކް ބޭނުންކުރަމުންނެވެ. ނަމަވެސް ބަލިފެތުރުން މަދުކުރުމަށް މާސްކް އަޅާއިރު ގިނަ މީހުންނަށް ނޭނގޭ ގިނަ ކަންތައްތަކެއް ވެސް ހުރެ އެވެ.
ނޭފަތާއި އަނގަ ރީތިކޮށް ނިވާކުރޭ

މާސްކް އަޅާއިރު ނޭފަތާއި އަނގަ ރީތިކޮށް ނިވާކުރޭ ---
މާސްކް އަޅާ އިރު ބައެއް ފަރާތްތަކުން ހަމައެކަނި އަނގަ ނިވާކޮށް ނޭފަތް ނިވާނުކޮށްހުރެ އެވެ. ނަމަވެސް އެއީ ރަނގަޅުގޮތެއް ނޫނެވެ. ބައްޔެއް ފެތުރުން ހުއްޓުވުމަށާއި ބަލިން ރައްކާތެރިވެ ހުރުމުގެ ގޮތުން މާސްކް އަޅާ ނަމަ އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށް ޑރ. އަބްދުﷲ ނިޔާފް ވަނީ އިރުޝާދު ދެއްވައިފަ އެވެ.
"ހަމައެކަނި އަނގަ ނިވާކޮށްފައި ނޭފަތް ނިވާނުކުރާ ނަމަ މާސްކް އެޅުމުގެ ބޭނުމެއް ނެތް. ނޭފަތާއި އަނގަ ނިވާކުރަން ވާނެ މާސްކް އަޅާއިރު،" ޑރ. ނިޔާފް ވިދާޅުވި އެވެ.
މާސްކް އަޅާ ހިސާބު މޫނުގައި އަތްނުލުން

މާސްކް އަޅާ ހިސާބު މޫނުގައި އަތްނުލުން -
މާސްކް އަޅާ ހިސާބު މޫނުގައި އަތްކާއްތާ ނުހެދުމަށް ޑރ. ނިޔާފު ނަސޭހަތްތެރިވި އެވެ. އަދި ވިދާޅުވީ މާސްކް އަޅާ ހިސާބު މޫނުގައި ހަށިގަނޑުގައި އެ ހުންނަ ވައިރަހުގެ އަސަރު ހުރުން އެކަށީގެންވާ ކަމަށާއި އެހެންކަމުން އެހިސާބުގައި އަތް ކޭއްތުމަށް ފަހު އަތުން ދެން އަތްލާ ތަންތަނަށް ވައިރަހުގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ މާސްކު އަޅާފައި އިންނަ ހިސާބު މޫނުގައި އަތް ކާއްތާ ނުހެދުން ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.
އެއް މާސްކެއް މާ ގިނަފަހަރު ބޭނުން ނުކުރޭ

އެއް މާސްކް މާގިނަ ފަހަރު ބޭނުން ނުކުރޭ --
މާސްކު ބޭނުން ކުރުމަށް ފަހު ނަގާ ޖީބަށް ބައެއް މީހުން ލަ އެވެ. ނުވަތަ ނަގާ މޭޒުމަތީގައި ބޭއްވުމަށް ފަހު އަނެއްކާ ބޭރަސް ނުކުންނަންވީމާ މާސްކް އަޅަ އެވެ.
ޑރ. ނިޔާފް ވިދާޅުވީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. މާސްކް އަޅައިގެން ހުންނަ އިރު ކެއްސައި ކިނބިހި އެޅުމުން ހަށިގަނޑުގެ ތެރޭގައި ހުންނަ ވައިރަސް މާސްކުގައި ހުންނާނެ ކަމަށާއި އެހެންކަމުން މާސްކް ނަގާ ޖީބަށް ލުމުން ޖީބަށް ވަރިސް ފެތުރުން އެކަށީގެންވާ ކަމަށެވެ.
ނުވަތަ މާސްކް ނަގާ މޭޒުމަތީގައި ބޭއްވުމުން އެވައިރަހުގެ އަސަރު ތަނަށް ފެތުރުން އެކަށީގެންވާ ކަމަށް ނިޔާފް ވިދާޅުވި އެވެ.
"އެންމެ ރަނގަޅު ގޮތަކީ މާސްކް އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލުން." ޑރ ނިޔާފް ވިދާޅުވި އެވެ.
މާސްކުގެ މޫނާވީ ފަޅީގައި އަތްނުލާ

މާސްކުގެ މޫނާވީ ފަޅީގައި އަތްނުލާ ---
މާސްކު އަޅާފައި ނެގުމަށްފަގުމަށް ފަހު މާސްކުގެ މޫނާވީ ފަޅީގައި އަތް ނުލުމަށް ޑރ. ނިޔާފް އިލްތިމާސްކުރެއްވި އެވެ.
ކޮންމެ މީހަކު ވެސް މާސްކް އެޅުމަށް ފަހު ކިނބިހިއެޅިޔަސް ކެއްސިޔަސް ވައިރަސް ބޭރުވަނީ މާސްކަށެވެ. އެހެންކަމުން ވައިރަސްތައް ބޭރުވާ ފަޅީގައި އަތްލައި ހެދުމުން ވައިރަސް އަތައް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.
އެހެންކަމުން ވީހާވެސް ރައްކާތެރިގޮތަކީ މާސްކް ނަގާއިރު ކަނފަތުގައި އަޅުވާފައި އިންނަ ވާފަށުގައި ހިފައި މާސްކަ ނެގުމަށް ފަހު ރައްކާތެރިގޮތުގައި ޑަސްޓްބިނަށް ލުމެވެ.
މަތި ބަންދުކޮށްފައި ހުރި ޑަސްޓިންއަކަށް މާސްކް އެއްލާލާ

މަތި ބަންދުކޮށްފައި ހުރި ޑަސްޓިންއަކަށް މާސްކް އެއްލާލާ --
މިއީވެސް ސަމާލުވާން ޖެހޭ ކަމެކެވެ. މާސްކު އެއްލާލުމަށް ފަހު އޭގެ ނުރައްކަލެއް އެހެން މީހަކަށް ނެތްތޯ ޔަގީން ކުރަން ޖެހެ އެވެ.
އެހެންކަމުން މަތި ބަންދު ނުކުރެވޭ ގޮތަށް ހުންނަ ޑަސްބިންއަކަށް މާސްކް އެއްލާލުމަށްވުރެ މަތި ބަންދުކޮށްފައި ހުންނަ ޑަސްބިންއަަކަށް މާސްކް އެއްލާލުން ބުއްދިވެރި އެވެ. ޑރ. ނިޔާފް ވެސް އިރުޝާދު ދެއްވަނީ އެގޮތަށެވެ.
"މަތި ބަންދުކޮށްފައި ހުރި ޑަސްބިނަކަށް މާސްކް އެއްލާލުމުން މާހައުލަށް ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަވާނެ،" ޑރ. ނިޔާފް ވިދާޅުވި އެވެ.
ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާއިން ރައްކާތެރިވުމަށް މިކަންކަމަށް ސަމާލުކަން ދިނުން މުހިންމު އެވެ. ރައްކާތެކަން ފެށިގެން އަންނަނީ ތިބާގެ ފަރާތުންނެވެ.