18 Mar 2017, 11:46
ސަންއާ (މާޗް 18): ޔަމަނުގެ އައްސޭރިފަށުގައި އޮތް ސޯމާލިއާގެ ރައްޔިތުން ތިބި ބޯޓަކަށް ދިން ވައިގެ ހަމަލާއެއްގައި 42 މީހަކު މަރުވެއްޖެ ކަމަށް ޔަމަނުން ބުނެފި އެވެ.
ޔަމަނުގެ ކޯސްޓުގާޑުން ބުނި ގޮތުގައި ސޫދާނަށް ދަތުރު ކުރަމުން ދިޔަ އެމީހުންގެ އަތުގައި އދ.ގެ ރެފިއުޖީ އޭޖެންސީގެ ލިޔެކިޔުންތައް އޮތެވެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނި ގޮތުގައި އެ ހާދިސާގައި 80 މީހަކު ސަލާމަތްވެފައިވާ އިރު، ހަމަލާ ދިން އުޅަނދާ ބެހޭ ގޮތުން އެމީހުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.
ޔަމަނުގެ ޝީއީ އިދިކޮޅު ފަރާތްތަކުން ހިންގާ ސަބާ ނޫސް އޭޖެންސީން ބުނި ގޮތުގައި އެ ހަމަލާ ދީފައި ވަނީ އެމީހުންނާ ހަނގުރާމަ ކުރަމުންދާ ސައުދީ ކޯލިޝަނުންނެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލު އެއޭޖެންސީން ނުދެ އެވެ.
އަދި ސައުދީ ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް އަހުމަދު އަސީރީ ވަނީ އެތުހުމަތުތައް ދޮގުކޮށް، ހަމަލާ ދިން ވަގުތު އެސަހަރައްދުގައި ސައުދީ ކޯލިޝަނުން ހަނގުރާމަ ކުރަމުން ނުދާ ކަމަށް ވިދާޅުވެފަ އެވެ. (ގާޑިއަން)