ވައިޓް ހައުސް (މާޗް 18) : އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމާ އެކު އެމެރިކާއާއި ޔޫރަޕްގެ ގުޅުންތަކަށް ވެރިވެފައިވާ ނުތަވަސްކަން ފިލުވާލަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެން އުޅުއްވާ ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލް އާ ވައިޓް ހައުސްގައި ޓްރަމްޕް ބައްދަލުކުރެއްވުމަށް ފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ އޭނާއަކީ އެމެރިކާގެ ބައިވެރިންނާ އެކަހެރި ސިޔާސަތެއް ގެންގުޅުއްވާނެ ބޭފުޅެއްނޫން ކަމަށާއި އަދި ނޭޓޯ ބަލިކަށިވާ ފަދަ ކަމެއްކުރަން ވެސް އޭނާގެ ސަރުކާރުން ބޭނުންނުވާ ކަމުގަ އެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް އިންސާފުވެރި ނޫންކަމަށާއި މިކަން އިންސާފުވެރި ކުރަން ޖެހޭ ކަމުގަ އެވެ.

ޓްރަމްޕް، އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވުމަށް ފަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާންތަކުގައި ނޭޓޯއަކީ މިޒަމާނަށް ކަމުނުދާ ބޯދާ އަސްކަރީ ޖަމްއިއްޔާއެއްކަމަށް ސިފަކުރައްވައި ނޭޓޯ އަށް ވަރަށް ބޮޑަށް މަލާމާތް ކުރައްވާފައިވެ އެވެ. އަދި ޔޫރަޕްގެ ގައުމުތަކަށް ވެސް ބަހުގެ ހަމަލާތައް ދެއްވައި މަލާމާތް ކުރައްވުމުގެ އިތުރުން ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ގައުމުތަކުގެ ނިކަމެތި ރެފިއުޖީންނަށް ޔޫރަޕްގެ ގައުމުތަކުން އެހީތެރިވެ ހިޔާވަހިކަންދޭތީ އެކަމާ ނުރުހުން ފާޅުކުރައްވައި ވެސް ޓްރަމްޕް ވަނީ ވާހަކަ ދައްކަވާފަ އެވެ.

ރެފިއުޖީންގެ މައްސަލާގައި ޓްރަމްޕްގެ ނުރުހުން އެންމެ ބޮޑަށް އަމާޒުކުރެއްވާފައި ވަނީ އެންގެލާ މާކަލްއަށެވެ. އެއީ މާކަލްގެ ސަރުކާރުން ރެފިއުޖީންނަށް މާބޮޑަށް ކަމޭހިއްތަވައި ސޫރިޔާގެ ހާލުގައިޖެހިފައިވާ ރެފިއުޖީންގެ ތެރެއިން މިލިޔަނެއްހާ މީހުންނަށް ހިޔާވަހިކަންދީ އެމީހުން ޖަރުމަނުގައި ވަޒަންވެރި ވުމުގެ ފުރުސަތު ދިނުމަށް މާކަލް ނިންމެވުމާ ގުޅިގެންނެވެ.

ހަރުކަށި އަދި ނަސްލީ އިމްތިޔާޒުގެ ވިސްނުގެ ބޭފުޅެއްކަމަށްވާ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އޭނާ ވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައްކުރިޔަށްވުރެ ވެސް އިތުރުކޮށް އިސްލާމީ ގައުމުތަކަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. ޓްރަމްޕަކީ ދުނިޔޭގެ ގައުމުތަކަށް އަސްކަރީ ގޮތުން ވަދެގަނެ ޒަމާނުއްސުރެ އެމެރިކާ ކުރަމުން ގެންދާ ހަނގުރާމަތަކާއި ތަޅާފޮޅުމުގެ އަމަލުތައް ނިމުމަކަށް ގެނަސް އެމެރިކާގެ އަސްކަރީ ޚަރަދުތައް ކުޑަކުރާނެކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ނަމަވެސް ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމެރިކާގެ އަސްކަރީ ބަޖެޓްވަނީ އޮބާމާގެ ދުވަސްވަރަށްވުރެ އެތަށްތަނެއް ބޮޑުކޮށްފަ އެވެ. އަދި ޔަމަނާއި ސޫރިޔާ ފަދަ އިސްލާމީ ގައުމުތަކަށް އެމެރިކާ ދޭ އުދުވާނީ ހަމަލާތައް އިތުރުކޮށް ކުށެއްނެތް މުސްލިމުން މެރުމުގެ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް އެމެރިކާ ހިންގާ މިންވަރުވެސް ޓްރަމްޕްގެ ވެރިކަމުގައި ވަނީ އިތުރުވާން ފަށާފަ އެވެ. (ނޫސްއެޖެންސީތައް)