ބެލުންތެރިންނާއި ކްރިޓިކްސްގެ ފަރާތުން 'ބަދްރީނާތު ކީ ދުލްހަނިޔާ' އަށް ލިބެމުން އަންނަ ތަރުހީބާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށާއި، އެ ސީރީޒްގެ ތިން ވަނަ ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ޝެޝާންކް ޚައިތަން ބުނެފި އެވެ.

އާލިއާ ބަޓް އަދި ވަރުން ދަވަން ހިމަނައިގެން ޝެޝާންކް ކުރިއަށް ގެންދާ 'ދުލްހަނިއާ' ފްރެންޗައިޒްގެ ދެ ފިލްމު މިހާތަނަށް ރިލީޒް ކޮށްފައިވާއިރަށް، ދެ ފިލްމަށް ވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ނަމަވެސް ތިން ވަނަ ފިލްމެއް އުފައްދަން ނިންމާފައި ވަނީ ފަހުން ރިލީޒް ކުރި ފިލްމަށް ލިބެމުން އަންނަ ތަރުހީބު ކުރިން ރިލީޒް ކުރި 'ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ' އަށް ވުރެ އެތައް ގުނަ ބޮޑުވުމުންނެވެ.

"ވަރަށް އުފަލުން މި ތިބީ ފިލްމަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން. ފިލްމު ބެލުމަށް ފަހު ހުރިހާ އެންމެން ވެސް ސިނަމާ އިން ނުކުންނަނީ ބޮޑު ހިނިތުންވުމަކާ އެކު. އެހެންވީމާ މިހާރު ތިން ވަނަ ފިލްމެއް ހަދަން ވަރަށް ބޮޑަށް ބޭނުންވެފައި މި ހުރީ،" ޝެޝާންކް ބުނެފައިވެ އެވެ.

ޝެޝާންކް ބުނީ 'ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިއާ' އަށް ފަހު، ފިލްމު ސީރީޒް އެއްގެ ގޮތުގައި ކުރިއަށް ގެންދަން އޭނާގެ ޚިޔާލަށް ވެސް ނާންނަ ކަމަށާއި، އޭނާ އަށް އެ ޚިޔާލު ދިނީ ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ކަމަށެވެ.

ޝެޝާންކް ބުނީ އަދި ފިލްމުގެ ވާހަކަ ވެސް އަދި ކޮންސެޕްޓް ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް އެ ސީރީޒްގެ ތިން ވަނަ ފިލްމެއް އުފައްދާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.