އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާނު އަބްދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް އާ ބެންޗާ އެކު ނިންމާލައިފި އެވެ.

އެ މައްސަލައިގެ އަޑު އެހުންތައް މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ ނިންމާލާފަ އެވެ.

ނަމަވެސް މިއަދު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާފައިވަނީ އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސުޖާއު އުސްމާނު ހައިކޯޓުގެ ދެކުނުގޮތްޕަށް ބަދަލު ކުރުމާއި ގުޅިގެން ބެންޗަށް ބަދަލު އައުމުންނެވެ.

އާންމު އުސޫލެއްގެ ގޮތުން ވެސް އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް މައްސަލަ ބައްލަވާ ބެންޗަށް ބަދަލު އައިސްފިނަމަ އިތުރު އަޑުއެހުމެއް ބާއްވަ އެވެ.

އެ މައްސަލަ ބަލާ އައު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރާއި އަބްދުލް ރައޫފް އިބްރާހީމެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ އަހަރު ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި އިމްރާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު 12 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ. އެ ނުކުތާތައް މިއަދުގެ އަޑުއެހުމުގައިވެސް ވަނީ އިމްރާނުގެ ފަރާތުން ތަކުރާރުކޮށްފަ އެވެ.

ދައުލަތުގެ ފަރާތުން ބުނީ، އިތުރު ކަމެއް ފާހަގަ ކުރަން ނެތް ކަމަށާއި، ކުރީގެ އަޑުއެހުންތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމަށްފަހު މައްސަލަ ނިންމައިދެއްވުމަށް އެދޭ ކަމަށެވެ.

އެ މައްސަލައިގެ އަޑު އެހުން މިއަދު ނިންމާލަމުން ފަނޑިޔާރު ވިދާޅުވީ، އެ މައްލައިގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން އޮންނަ އަޑު އެހުމެއްގައި މައްސަލައިގެ ހުކުމް އޮންނާނެ ކަމަށެވެ.