17 Mar 2017, 21:26
ރާއްޖޭގައި މިދުވަސްވަރު ހަލުއިކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާއާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކޮށްފި އެވެ.
އެކަން އިއުލާނުކޮށްފައިވަނީ މިރޭ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
"15 އޭޕްރީލުގައި އިންތިހާބު ބޭއްވުމަށްޓަކައި ކުރަން ޖެހޭ ތައްޔާރީތައް ވަމުން މިދަނީ މިހާރުވެސް. އެހެން ނަމަވެސް ރާއްޖޭގައި މިހާރު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ އާ ގުޅިގެން، އަޅުގަނޑުމެން ގައުމީ ލަފާދޭ ކޮމިޓީގަ މަޝްވަރާކޮށްފަ މިރޭ މި ނިންމީ އިންތިހާބު އަޅުގަނޑުމެން އެބަ ޖެހޭ ކަމަށް ތާރީހު ލަސް ކުރަން. އެހެންވީމަ އެގޮތުން އިންތިހާބުގެ ތާރީހަށް މި ބަދަލު ގައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާއާ އެކީގަ މިގެނެވުނީ 6 މެއި ގަ އިންތިހާބު ބާއްވާ ގޮތަށް،" އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވިއެވެ.
މިއީ އިންތިހާބު ފަސްކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އިންތިހާބު ބޭއްވުމަށް ހަމަޖެއްސީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް ސިވިލް ކޯޓުގެ އަމުރަކާ ގުޅިގެން އެ ތާރީޚުގައި އިންތިޚާބު ބޭއްވޭގޮތް ވަނީ ނުވެފައެވެ. އެއަށްފަހު އިންތިޚާބު ބާއްވަން އިއުލާންކުރީ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ވަނީ އޭޕްރީލް 15 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފައެވެ.
އާއްމުކޮށް މީހުން އެއްވުމުގެ ސަބަބުން ރޯގާ ފެތުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޕީއޭއިން އިލެކްޝަންސް ކޮމިޝަނަށް ލަފާ ދީފައިވާތީ، އެކޮމިޝަނުން ބާއްވާ ކަންކަމުގައި އެކަމަށް ވީހާވެސް ބޮޑަށް ރިއާޔަތް ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.
އިލެކްޝަންސްގެ ނައިބު ރައީސް އަމްޖަދު ވިދާޅުވީ އެކަމާ ގުޅިގެން ކުއްލިގޮތަކަށް މިރޭ 8:00 ގައި އިންތިޚާބާ ގުޅޭގޮތުން ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި އެކޮމިޓީން ލަފާ އެރުވީ އިންތިހާބު ފަސްކުރުމަށް ކަމަށް ކަމަށެވެ.
އެ ކޮމިޓީގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ބައިވެރިވެފައިވާއިރު، ދެ ޕާޓީއަކުން ފިޔަވައި އެހެން ހުރިހާ ފަރާތްތަކަކުންވެސް އިންތިހާބު ފަސްކުރުމަށް ތާއީދު ކުރިމަަށް އޭނާ ވިދާޅުވި އެވެ.
އެ ކޮމެޓީގެ ބައްދަލުވުމުގައި އިންތިޚާބު ފަސްކުރަން ދެކޮޅު ހަދާފައި ވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އެކަންޏެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، އިންތިހާބު ފަސް ކުުރުމާ ގުޅިގެން ވޯޓުލާ މީހުންގެ ރެޖިސްޓްރީއަށް ބަދަލުތަކެއް އަންނާނެ ކަމަވެ.
"އަޅުގަނޑުމެން ލަސްކުރުމާއު ގުޅިގެން ވޯޓުލާ މީހުންގެ ރެޖިސްޓްރީއަށް އަނެއްކާވެސް ބަދަލުތަކެއް އަންނާނެ. އިންތިހާބު ފަސް ކުރުމަށް ނިންމާފަ މިއޮތީ ހައެއް މެއިއަށް. އެދުވަހަށް 18 އަހަރުވާ ފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެން ދާނެ،" އަކުރަމް ވިދާޅުވި އެވެ.
އަކުރަމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ ހަމައެކަނި، ސްރީލަންކާގެ ކޮލޮމްބޯގައި ކަމަށާއި އިތުރަށްދޭ މުއްދަތުގައި 1000 މީހުން ރަޖިސްޓްރީ ނުކޮށްފިނަމަ ސްރީލަންކާގައި ވޯޓު ފޮށި ނުބަހައްޓަން ނިންމަންޖެހިދާނެ ކަމަށެވެ.
"މިހާރު ރީރެޖިސްޓްރީ ވެފައިވާ އަދަދަށް ބަލާފައި އަޅުގަނޑުމެން ބަލާފަ މިއޮތީ، ކޮލޮމްބޯގައި ފޮށި ބަހައްޓާނެ ކަމަށް. އެހެންވީމަ އިތުރަށް އަޅުގަނޑުމެން މިދޭ މުއްދަތުގައި އަޅުގަނޑުމެން ބަލާނީ އެތަން ނޫން ތަނަކަށް ރެޖިސްޓާ ވާން ބޭނުންވާ މީހުން އެބަތިބިތޯ. މިސާލަކަށް އެއްހާހުން މަދުވެގެން ގޮސްފި ކަމުގައި ވާނަމަ ބޮޑުބަޔަކަށް މަދުވެގެން ގޮސްފި ކަމުގައި ވާނަމަ، އަޅުގަނޑުމެން އަނެއްކާވެސް ވިސްނަން ޖެހިދާނެ އެތަނުގައިވެސް ނުހުރެ ދާނެ. އެހެންވީމާ އިތުރު ތަންތަނެއް ފުރުސަތު ލިބިގެންނެއް ނުދާނެ،" އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ، މިހާރު އިންތިހާބަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް ކެންޑިޑެންސީ ބާތިލްކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.