ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑަށް ޖަރުމަނުގެ ފުޓްބޯޅައިގެ ގަދަ ބާރު ބަޔާން މިޔުނިކާ ވާދަކުރާން ޖެހުނު އިރު، ބާސެލޯނާއަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ކުރިމަތިލާން ޖެހިއްޖެއެވެ.

ކުއާޓަރ ފައިނަލްގެ ޖާގައެއް ރެއާލުން ހޯދީ، ނަޕޯލީގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ހޯދައިގެން ކަމަށް ވީ ނަމަވެސް، ގަދަ 16ގައި އިނގިރޭސި ކްލަބް އާސެނަލްގެ މައްޗަށް 10-2ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދި ބަޔާންއާ ކުރިމަތިލުންއެއީ ފަސޭހަކަމަކަށް ނުވާނެއެވެ. އާސެނަލް އާ ދެކޮޅަށް ކުޅުނު ދެ ލެގްވެސް ބަޔާނުން ކާމިޔާބުކުރީ 5-1ގެ ނަތީޖާއަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި އާސެނަލާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވީ 5-1 ލަނޑުން --- ފޮޓޯ/ އޭޕީ

އެ މެޗެއްގެ ނަތީޖާއާ މެދު ގިނަ ބަޔަކު ފާޑުކީ ނަމަވެސް، އަދި އެ މެޗުގެ ރެފްރީއާ ދިމާއަށް ބަޔަކު ތުހުމަތުގެ އިނގިލި ދިއްކުރި ނަމަވެސް ބާސެލޯނާއިން، 4-0 ލަނޑުގެ ފަރަގަކާއެކު ނިންމާލި ފުރަތަމަ ލެގުގެ ނަތީޖާއިން މިންޖުވެ، މުޅި ދުނިޔެ ސިއްސުވާލުމަށްފަހު، 6-1ގެ ނަތީޖާއަކުން ފްރާންސްގެ ޕީއެސްޖީ ބަލިކޮށް ކުއާޓާގެ ޖާގައެއް ލިބުމުން އެޓީމަށް މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އިތުރު ހިތްވަރެއް ލިބިގެންދާނޭ ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ބާސާއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 6-1 ލަނޑުން --- ފޮޓޯ/ އޭޕީ

ބާސާއާ ދެކޮޅަށް މިފަހަރުގެ ކުއާޓާގައި ވާދަކުރާ ޔުވެންޓަސްއިން ކުއާޓާގެ ޖާގައެއް ހޯދީ، ޕޯޗްގީޒްގެ އެފްސީ ޕޯޓޯގެ މައްޗަށް 3-0 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ޖަރުމަނުގެ ބާލިންގައި 2015 ވަނަ އަހަރު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޔުވެންޓަސް އާއި ބާސާ ބައްދަލުކޮށްފައި ވާއިރު ބާސާއިން އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ 3-1 ލަނޑުން ޔުވެންޓަސް ބަލިކުރުމަށްފަހުއެވެ.

ކުއާޓާގެ ދެންހުރި މެޗުތަކަށް ބަލާއިރު، އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީއާ ވާދަކުރާނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑެވެ. އަދި ކުއާޓަރގެ އަނެއް މެޗުގައި ވާދަކުރާނީ، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ފްރާންސްގެ މޮނާކޯއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ލެސްޓާއާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ލެސްޓާ --- ފޮޓޯ/ އޭޕީ

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ މެޗުތައް ކުޅޭނީ އޭޕްރީލް 11،12 އަދި 18، 19ގައެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ-ފައިނަލްސް

  • އެތުލެޓިކޯ މެޑްރިޑް - ލެސްޓާ ސިޓީ
  • ބޮރޫޝާ ޑޯޓްމަންޑް - މޮނާކޯ
  • ބަޔާން މިއުނިކް - ރެއާލް މެޑްރިޑް
  • ޔުވެންޓަސް - ބާސެލޯނާ