ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ގައުމީ ދިފާއީ ބާރުން ކަޅުތުއްކަލާކޮށީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

އެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފުން ރޭ ބޭއްވި ޚާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީ ތަލްހަތު އިބްރާހިމް ކަލޭފާނު ކަމަށް އެމްއެންޑީއެފުން ރޭ ނެރުނު ނޫސްބަޔާނެއްގައިވެ އެވެ.

ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެ ރަސްމިއްޔާތުގައި ހާއްސަ މެހުމާނުންގެ ގޮތުގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި އޮގަރު އިބްރާހިމް ވަހީދު ބައިވެރިވެވަޑައިގެން، ނެވި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ބައްދަލުވުމުގައި ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ކީރީތި ޤުރުއާނުގައި ޝަހީދުންނަށް ޓަކައި ވަރަށް މަތިވެރި މަގާމެއް ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮންމެ މީހެއްގެ ހިތުގައި ވެސް، ވަކިން ޚާއްސަކޮށް ގައުމެއް ދިފާޢުކުރުމުގެ މަތިވެރި އަޒުމާއި ހިތްވަރާއެކު ކުރިމަތިލާފައިވާ ބައެއްގެ ހިތްތަކުގައި އަބަދު ވެސް ކަނޑައަޅާފައިވާ އަޒުމަކަށް ވާން ޖެހޭނީ އެފަދަ ކޮންމެ ހާލަތަކާ ކުރިމަތިލާނީ ޝަހީދުވުމުގެ ޖޯޝާއި ހިތްވަރާއެކުގައި ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު ހޭލަމުން ދަނީ ރާއްޖެ އަށް ވެރިވަމުންދާ އަނދިރިކަމަށް އަލިކަމެއް ގެނެސްދިނުމަށް ޓަކައި އަޅުގަނޑުމެން ދިވެހިންނާއެކު ހިތްވަރުގަދަ ލަޝްކަރެއް އޮތް ކަމުގެ އިހުސާސެއް ކުރަމުން،" ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮގަރު އިބްރާހިމް ވަހީދު ވިދާޅުވީ ޝަހީދުންގެ ދުވަސް ފާހަގަ ކުރަމުންދާ އިރު، އެ ޝަހީދުންނަށް ޓަކައި ޝުކުރުވެރިވެ ތިބޭ ހާލު އަޅުގަނޑުމެން އެންމެންނަކީ ވެސް ބޭނުމެއް ޖެހިއްޖެ ހާލުގައި ދިވެހި ގައުމުގެ ހައްގުގައި ހަމަ އެފަދަ ޝަހީދުންނަށް ވާން ތައްޔާރަށް ތިބި ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

އޮގަރު އިބްރާހިމްގެ ވާހަކައިގައި ވިދާޅުވީ ގައުމަށް މިނިވަންކަން ހޯދައި ދިނުމަށް ޓަކައި ޝަހީދުވި ބައެއް ބޭކަލުންގެ ހިތްވަރުގަދަކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ދުވަހާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލާފަ އެވެ.
ސިފައިންގެ އާއިލާތައް ވެސް ބައިވެރިވި އެ ރަސްމިއްޔާތު ނިންމާލާފައި ވަނީ ދުޢާ ދެންނެވުމަކުން ނެވެ.