ދިމިޝްގު (މާޗް 17) : ސޫރިޔާގެ އުތުރުގެ ސިޓީއެއްކަމަށްވާ ހަލަބްގައިވާ މިސްކިތަށް އެމެރިކާ ދިން ވައިގެ ހަމަލާތަކެއްގައި އެމިސްކިތުގައި ނަމާދުކުރަންތިބި 42 މީހުން މަރުވުމުން އެޖަރީމާ ނުހިންގާ ކަމަށްބުނެ އަމިއްލަ ނަފްސުގެ ދިފާއުގައި އެމެރިކާ ވާހަކަ ދައްކައިފިއެވެ.

އެމެރިކާގެ ސިފައިންގެ ތަރްޖަމާން ކާނަލް ޖޯން ތޯމަސް ވިދާޅުވީ ހަލަބްގެ އުތުރުގައިވާ މިސްކިތަށް ގަސްދުގައި އެމެރިކާގެ މަތިންދާބޯޓުތަކުން ހަމަލާނުދޭކަމަށާ ނަމަވެސް އެމިސްކިތާ 15 ވަރަކަށް މީޓަރު ދުރުގައިވާ އަލްގާއިދާގެ މަރުކަޒަކަށް ވައިގެ ހަމަލާތަކެއް ދީފައިވާނެކަމުގައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަގިއްލު ޖަމާއަތެއްކަމަށްވާ " ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ވަނީ ހަލަބްގެ އުތުރުގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ މިސްކިތަކަށް އެމެރިކާ ގެ ފައިޓަރ ޖެޓްތަކަކުން ދިން ވައިގެ ހަމަލާތަކެއްގައި އެމިސްކިތުގައި ނަމާދުކުރަންތިބި 42 މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމުގައެވެ. ހަލަބްގެ އާންމުންވެސްވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ސޫރިޔާގެ ރަސްމީ ޓީވީން ވަނީ ހަލަބްގެ އުތުރުގައިވާ މިސްކިތަކަށް ދިން ވައިގެ ޙަމަލާތަކެއްގައި 42 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެފައެވެ. ނަމަވެސް ހަމަލާދިނީ ކޮންފަރާތަކުންކަން ސޫރިޔާގެ ރަސްމީ ޓީވީން ބުނެފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ސިފައިން ހަމަލާދިން މިސްކިތަކީ ހަލަބްގެ އުތުރުގައި ހަރަކާތްތެރިވާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ހަރުކަށި ޖަމާއަތެއްކަމަށްވާ ޖަބްހަތުއްނުސްރާ (މިހާރުގެ ނަމުންނަމަ ޖަބްހަތު ފަތްހުއްޝާމް) ގެ ހަނގުރާމަވެރިން ކޮންޓްރޯލްގެ ދަށުގައިވާ މިސްކިތެކެވެ. އެމެރިކާ ގެ ވައިގެ ހަމަލާ އެރީ އެމިސްކިތުގައި ރޭގެ އިޝާނަމާދުކުރަން ގިނަ ބަޔަކު ތިއްބައި ކަމަށާ އެމެރިކާގެ ހަމަލާގައި މަރުވި ގިނަމީހުންގެ ހަށިތައް ވަނީ ކާކުކަން ނޭންގޭ ވަރަށް ފިހި އަދި ހަލާކުވެފައި ކަމުގައެވެ. ހަލަބްގެ މިސްކިތަށް އެމެރިކާ ވައިގެ ހަމަލާ ދިންއިރު އެ މިސްކިތަށް އިޝާ ނަމާދަށް ގިނަ ބަޔަކު ޖަމާވެފައިވާ ކަމަށާ މަރުވީ ނަމާދަށްތިބި މީހުންކަމަށް ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް އިންވެސް ކަށަވަރުކޮށްދީފައިވެއެވެ.

އެމެރިކާ ގެ ގިނަ ވައިގެ ހަމަލާތަކަކީ އެހާބޮޑަށް އަމާޒަށް ވާސިލްވާ ހަމަލާތަކެއް ނޫނެވެ. އެމެރިކާގެ ވައިގެ ހަމަލާތައް ގިނަ ފަހަރު އަރާފައި ހުންނަނީ ހަމަލާދިނުމަށް އަމާޒު ކުރާ ތަން ފިޔަވައި އެހެންތަންތަނަށެވެ. ޕާކިސްތާނާއި އަފްޣާނިސްތާނާއި އިރާގާއި ޔަމަންފަދަ އިސްލާމީ ގައުމުތަކަށް އެމެރިކާ ދޭ ވައިގެ ހަމަލާތައް ގިނަ ފަހަރު އަރާފައިވަނީ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރަށާއި ސްކޫލްތަކަށާއި މިސްކިތްތައްފަދަ މަދަނީ ތަންތަނަށެވެ. އަދި އެމެރިކާގެ ހަމަލާތަކުގައި ގިނައިން މަރުވަނީވެސް ޓެރަރިސްޓުންގެ ބަދަލުގައި ކުށެއްނެތް އާންމުންނެވެ.

އިރާގު ހަނގުރާމައިގެ ދުވަސްވަރު އިރާގަށް އެމެރިކާ ދިން ވައިގެ ހަމަލާތަކުގައިވެސް އިރާގުގެ އަންހެނުންނާއި ކުޑަކުދިންގެ އެތަށް ސަތޭކަބަޔަކު ރައްކާތެރިކަން ހޯދުމަށްޓަކައި ހިޔާވަހިކަން ހޯދައިގެންތިބި އާމިރިއްޔާ ޝެލްޓަރ އަކަށް ހަމަލާދީ އިރާގުގެ އަންހެނުންނާއި ކުޑަކުދިންގެ 500 އަށްވުރެ ގިނަމީހުން އެއްފަހަރާ އެމެރިކާއިން މަރާލާފައިވެއެވެ.

ހަލަބް އަށް ދިން ހަމަލާތައް ދިފާއުކުރަމުން އެމެރިކާ ސިފައިންގެ ތަރްޖަމާން ޖޯން ތޯމަސްވަނީ ހަލަބްގެ މިސްކިތަށް އެމެރިކާގެ ހަމަލާ އަރާފައިނުވާނެކަމަށް ބުނަން އަދި ނޭންގޭކަމަށާ ނަމަވެސް ގަސްދުގައި މިސްކިތަށް ހަމަލާދީފައިނުވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިކަން ވީނުވީގޮތް ބެލުމަށްޓަކައި ހަލަބްގެ އުތުރަށް އެމެރިކާ ދިން ހަމަލާތައް ތަހްގީގުކުރާނެކަމަށްވެސް ތޯމަސް ވިދާޅުވިއެވެ. ހަލަބަށް މި ހަމަލާ ދީފައި މިވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ކޯޓު އިމާރާތުގައި މީހަކު އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދީ 31 މީހުން މަރާލިތާ އެއް ދުވަސް ފަހުންނެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމުގެ މަގްސަދުގައި ސޫރިޔާގެ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ހަނގުރާމަވެރި ޖަމާއަތްތައް އިސްކޮށްތިބެގެން 2011 ވަނަ އަހަރު ފެށި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ 4 ލައްކައެއްހާ މީހުން މީހުން މަރުވެ 12 މިލިއަން މީހުން ހާލުގައި ޖެހިފައިވާއިރު 3 މިލިޔަންމީހުންވަނީ ޒަޚަމްވެފައެވެ. އަދި ރެފިއުޖީންގެ ގޮތުގައި ސޫރިޔާގެ 4 މިލިޔަނަށްވުރެ ގިނަމީހުންވަނީ ގައުމުން ބޭރަށް ހިޖްރަކޮށްފައިވާއިރު ގައުމުގެ ހަތަރުބައިކުޅަ ތިންބައި ރަށްތަކާއި އަވަށްތައްވަނީ ހަލާކުވެ ވީނާރާވެފައެވެ.

މި ހަނގުރާމައިގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް ވާގިވެރިވަނީ ރަޝިޔާއާއި އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކަށް ވާގިވެރިވަނީ އެމެރިކާއާއި ސައޫދީ އަރަބިޔާއާއި ތުރުކީއާއި ގަތަރެވެ. (ނޫސްއެޖެންސީތައް)