ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާގެ ލަނޑުން ޔޫރޮޕާ ލީގުން ރަޝިއާގެ ރޮސްޓޯވް ކަޓުވާލައި، އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ރޮސްޓޯވްގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. ކުއާޓާއަށް ޔުނައިޓެޑް ދަތުރުކުރީ 2-1 ލަނޑުގެ އެގްރިގޭޓުން ކުރީގައި އޮތުމުންނެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ރޮސްޓޯވް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ އޭޕީ

އެ މެޗުގެ ކުރީކޮޅު ޔުނައިޓެޑަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޔުނައިޓެޑްގެ ޑިފެންޑަރު މާކޮސް ރޯހޯއާއި އެޓީމުގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗްއަށް ލިބުނު ފުރުސަތު ވެސް ރޮސްޓޯވްގެ ގޯލްކީޕަރު ނިކިޓާ މެޑްވެޑޭވް ވަނީ މަތަކޮށްފައެވެ.

އޭގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އިބްރަހިމޮވިޗްއާއި، ހެންރިކް މިކިތާރިޔަން އަދި ޕައުލް ޕޮގްބާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ނުވަ މިނެޓްފަހުން ރޮސްޓޯވްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސާޑަރް އަޒްމޫޫން ދުރުން ފޮނުވާލި ހަމަލާ، ގޯލުގެ މަތީ ކަނަކަށް އަމާޒުވަނިކޮށް، ޔުނައިޓެޑްގެ ކީޕަރު ސާޖިއޯ ރޮމޭރޯ ވަނީ މަތަކޮށްފައެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ރޮސްޓޯވް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގައި ޔުނައިޓެޑަށް ސްޕެއިން މިޑްފީލްޑަރު މަޓާ ލީޑު ހޯދައިދިނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މަޓާ އެ ލަނޑު ކާމިޔާބުކުރީ އިބްރަހިމޮވިޗް ދިން ބޯޅައަކުންނެވެ. އޭގެ އަށް މިނެޓްފަހުން ރޮސްޓޯވްގެ އެލެކްސެންޑާ ބުކަރޯވްއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ރޮމޭރޯ ވަނީ މަތަކޮށްފައެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާގައި ޔުނައިޓެޑާއެކު ވާދަކުރާނީ ބެލްޖިއަމްގެ އަންޑާލެހްޓާއި، ގެންކްއާއި، ފްރާންސްގެ ލިޔޯންއާއި، ޖަރުމަންގެ ޝާލްކޭއާއި، ނެދަލެންޑްސްގެ އަޔެކްސްއާއި، ސްޕެއިންގެ ސެލްޓާ ވިގޯ އަދި ތުރުކީގެ ބެސިކްޓާސްއެވެ.