03 Jul 2011, 10:16
"ކޮޕާ އެމެރިކާ" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ރޭ ކޮލަމްބިއާ އާއި ކޮސްޓާރިކާ ވާދަކުރި މެޗު ކޮލަމްބިއާ ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ. ކޮލަމްބިއާއިން ކޮސްޓަރިކާގެ މައްޗަށް މޮޅެއް ހޯދީ ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ލަނޑާއެކު އެވެ.
ރޭ މެޗް ފެށުމާއެކު ފުރަތަމަ ފެނުނީ ކޮސްޓަރިކާއިން އަވަސް ކުޅުމެއް ދައްކާ ކޮލަމްބިއާގެ ދިފާއީ ފާރު ރޫޅަމުން ދިޔަ ތަނެވެ. އެއާއެކު ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރުގަދަ ކުޅުމެކެވެ. ނަމަވެސް ހާފުގެ ވަކި ހިސާބަކުން މެޗުގެ އޮއިވަރު ބަދަލުވެ ކޮލަމްބިއާއިން ވަނީ ކޮންޓްރޯލް އަތުލާފަ އެވެ.
ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތުތައް ކޮސްޓަރިކާއަށް ވެސް ލިބުނު ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ވަރަށް ގިނަ ޗާންސް ކޮލަމްބިއާއިން ފަހި ކުރި އެވެ. ހާއްސަކޮށް މުޅި މެޗުގައި ވެސް ހުނަރުވެރި، މޮޅު ކުޅުމެއް ދެކި ރާމޯސް ވަނީ ގިނަ ފުރުސަތުތަކެއް ހޯދައި ނަގާލައިފަ އެވެ.
ފުރަތަމަ ހާފުގައި ކޮލަމްބިއާއިން މޮޅު ކުޅުމެއް ދެއްކި އިރު ޕްރިމިއާ ލީގްގެ ޗެލްސީއަށް ބަދަލުވެދާނެ ކަމަށް ބެލެވިފައިވާ ޕޯޓޯގެ ތަރި ފަލްކާއޯގެ ކިބައިން އެކަށީގެންވާ ކުޅުމެއް އައިސްފައެއް ނުވެ އެވެ. ލަނޑު ޖަހާނެ ފުރަސަތު ފަލްކާއޯ އަށް ވެސް ލިބުނެވެ.
މެޗްގެ ހަމައެކަނި ލަނޑު އައީ ފުރަތަމަ ހާފުގައި ކޮސްޓަރިކާގެ 10 ނަމްބަރު ރަންޑާލް ބެރެނީސް ކުރި ނުރައްތާރި ފައުލަކާ ގުޅިގެން ރެފްރީ ވަގުތުން ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުގެ ފައިދާ ނަގައި ކޮލަމްބިއާއިން ކުޅެގަތުމަށް ފަހު، ހާފު ނިމެން މަދު ސިކުންތުކޮޅަކަށްވެފައި ވަނިކޮށެވެ. ލަނޑު ޖަހާފައި ވަނީ މެޗުގައި މޮޅަށް ކުޅުނު ރާމޯސް އެވެ. އޭނަ ލަނޑު ޖަހާފައި ވަނީ ކީޕަރުވެސް ކަޓުވާލައިފަ އެވެ. އެހެންނަމަވެސް މުޅި މެޗުގައި ވެސް ކޮސްޓަރިކާގެ ޒުވާނާ ގޯލްކީޕަރު ވަނީ އާދަޔާ ހިލާފު ސޭވްތަކެއް ކޮށްފަ އެވެ.
ގްރޫޕް އޭ ގެ ދެ މެޗް ކުޅުނު އިރު، އާޖެންޓީނާ އާއި ބޮލީވިއާ ބައްދަލުކުރި މެޗް ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. އެ ދެ ޓީމަށް އެއް ޕޮއިންޓު ލިބުނުއިރު، ރޭގެ މެޗުން މޮޅުވެގެން ކޮލަމްބިއާވަނީ އެ ގްރޫޕުގެ ކުރިއަށް ޖެހިލާފަ އެވެ. ގްރޫޕް އޭ ގެ މެޗެއް ދެން އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
މުބާރާތުގައި މިރޭ ގްރޫޕް ބީ ގެ ދެމެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗްގައި ރާއްޖެ ގަޑިން ދަންވަރު 12:00 ގައި ބައްދަލުކުރާނީ މުބާރާތުގެ ފެވަރިޓް ޓީމް ބްރެޒިލާއި ވެނެޒުއެލާ އެވެ. ދެވަނަ މެޗްގައި މެންދަމު 2:30 ގައި ޕެރަގުއާއީ އާއި އިކުއެޑޯރް ކުޅޭނެ އެވެ. މިޗްތައް ނިއޯ ސްޕޯޓްސް އިން ފެންނާނެ އެވެ.