14:30


ތައިލެންޑުގައި މިއަހަރުގެ ނޮވެމްބަރު މަހު އާ އިންތިޚާބުތަކެއް ބޭއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން އެގައުމުގެ ބޮޑުވަޒީރު އަބީސީތް ވެޖަޖީވާ އަނބުރާ ގެންދަވައިފި އެވެ.


ތައިލެންޑްގެ ބޮޑުވަޒީރުގެ އަމީން އާންމު ކޯބްސަކް ސަބަވްސައު ވިދާޅުވީ އެގައުމުގައި މުޒާހަރާކުރަމުންދާ އިދިކޮޅު ފަރާތްތަކާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ޓަކައި ބޮޑުވަޒީރު ހުށަހެޅުއްވި މިހުށަހެޅުން އަނބުރާ ގެންދެވީ މުޒާހަރާތައް ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހެދުމުން ކަމަށެވެ. އަދި ބޮޑުވަޒީރު ވެޖަޖީވާގެ ސުލްހައިގެ ޕްލޭނަށް އިދިކޮޅު ފަރާތްތަކުން އަނގަބަހުން އާނބަސް ބުނެފައިވީ ނަމަވެސް މުޒާހަރާތައް ހުއްޓާނުލަނީސް އިންތިޚާބުތައް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ތައިލެންޑްގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ތައިލެންޑް ސަރުކާރުން ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިދިކޮޅު ފަރާތްތަކުން ގިނަ އަދަދަކަށް ޖަމާވެފައިވާ ސަރަހައްދުތަކުން ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާލާނެ ކަމަށް ތައިލެންޑް ސަރުކާރުން ވަނީ އިންޒާރު ދީފަ އެވެ. އެހެން ނަމަވެސް މުޒާހަރާ ހުއްޓާލާނެ ކަމުގެ ނިޝާނެއް އަދި މިހާތަނަށް ފެނިފައެއް ނުވެ އެވެ.


މިދިޔަ މާޗްމަހުގެ 12 ވަނަ ދުވަހު ފެށި މިމުޒާހަރާތަކުގެ ތެރޭން ހިނގި ކުރިމަތިލުންތަކެއް ގައި 29 މީހުން މަރުވެ 1400 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އާ އިންތިޚާބުތަކެއް ބޭއްވުމަށް ހުށަހެޅުއްވި ހުށަހެޅުން އަނބުރާ ގެންދެވުމާއެކު އަވަސް މުއްދަތެއްގެ ތެރޭ ސުލްހަ ގާއިމުކުރެވޭނެ ކަމުގެ އުންމީދު ވެސް ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.