ޑެންގީ ހުންޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ރޭ ހާއްސަ ފަރުވާދޭން ފެށި ޏ. ފުވައްމުލަކުގެ ހަތަރު އަހަރުގެ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ސްޕެޝަލް ޓާސްކް ފޯސް އިން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗާއި ހަވާލާދީ ޓާސްކް ފޯހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ މަހުގެ 28 ގައި އެޑްމިޓްކޮށް ފަރުވާން ދޭން ފެށި ފުވައްމުލަކު ހޯދަނޑު ދިގުދަނޑިގޭ، ހުސެއިން ޒާދު އިސްމާއިލްގެ ހާލަތު އަދިވެސް ރަނގަޅު ނޫން ކަމަށެވެ. އަދި އޭނާއަށް އެ ހޮސްޕިޓަލުން ދެވެން ހުރި އެންމެ ރަނގަޅު ފަރުވާ ދެމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ޑެންގީ ހުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޓާސްކް ފޯސް އޮފީހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސީރިއަސް ހާލަތެއްގައި އައިސީޔޫގައި އޮތް ހަތަރު އަހަރުގެ ކުއްޖާ ފުރަތަމަ ދައްކާފައިވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ކަމަށާއި އެ ކުއްޖާ މާލެ ގެނެސްފައިވަނީ ފުވައްމުލަކުން އައްޑޫ ހޮސްޕިޓަލަށް ދެއްކުމަށް ފަހު ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ގެންދެވޭ ވަރަށްވުރެ ބޮޑަށް އެކުއްޖާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް އައިޖީއެމްއެޗާ ހަވާލާދެއްވައި އޮފިޝަލް ވިދާޅުވި އެވެ.

ޑެންގީ ކޮންޓްރޯލް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޓާސްކް ފޯހުން ގެންދަނީ މާލެ އާއި އަތޮޅު ތެރޭގައި މަދިރު ކޮންޓްރޯލް ކުރުމަށް ފޮގް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަދިރި ކޮންޓްރޯލް ކުރުމާއި ޑެންގީއާ ބެހޭ މައުލޫމާތުތައް ވެސް އެފަރާތުން ދަނީ އާއްމު ފަރާތްތަކަށް ފޯރުކޮށްދެމުންނެވެ.
ޑެންގީ ހުންޖެހިގެން މިދިޔަ ހަފްތާގައި ހަތަރު ކުއްޖަކު ވަނީ 48 ގަޑިއިރުގެ ތެރޭގައި މަރުވެފަ އެވެ.