އިންފުލުއެންޒާ އެޗްވަން އެންވަން އަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދަކީ 105 ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުކޮށްފަ އެވެ. އެއީ ޖެނުއަރީންް ފެށިގެން މިހާތަނަށް ޕޮސިޓިވްވި މީހުންގެ އަދަދެވެ.

އެހެންޏާ ނުފެތުރޭހާ ބާރުމިނެއްގައި އެޗްވަންއެންވަން އިންފުލުއެންޒާ ރޯގާ ފެތުރެމުންދާކަން ސިއްހީ ފަރުވާދޭ ތަންތަނުން ވެސް ފާހަގަކުރެ އެވެ. ސުވާލަކީ އެ ރޯގާ ޖެހިގެން ކިހާ ދުވަހެއްގެ ތެރޭގައި ރަނގަޅުވެދާނެތޯ އެވެ؟ ނޫނީ އެ ރޯގާ ޖެހި އެންމެ ނުރައްކާތެރި ހާލަތަށް ދަނީ ކިހިނެތް ވީމަ ތޯ އެވެ؟

އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިންއަށް ހާއްސަ ޑޮކްޓަރު މޫސާ ހުސައިން ވިދާޅުވީ އިންފުލުއެންޒާ އެޗްވަންއެންވަން އަށް ޕޮސިޓިވްވާ މީހުން ރަނގަޅުވާން އާންމުކޮށް ދެ ހަފްތާގެ މުއްދަތެއް ނަގާ ކަމަށެވެ. އެއީ ޑޮކްޓަރުން ފާހަގަކުރާ ކަހަލަ ރިސްކީ ހާލަތެއް ނާންނަނަމަ އެވެ.

އެޗްޕީއޭއިން ކުއްލި ގޮތަކަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"އާންމުކޮށް އެޗްވަން އެންވަންއަށް ޕޮސިޓިވްވާ މީހުން ދެ ހަފްތާ ތެރޭގައި ރަނގަޅުވާނެ. ކުރިން ޕޮސިޓިވް ކަމަށް އަޅުގަނޑުމެންގެ ޑާޓާތަކުން ދެއްކި ފާރަތްތައް މިހާރު އެއީ އެޗްވަންއެންވަން ފުލޫ ރަނގަޅުވެފައިތިބި ފަރާތްތަކަށް ވުން ގާތް،" ޑރ މޫސާ ވިދާޅުވި އެވެ.

ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 105 މީހުން ޕޮސިޓިވްވި އިރު ބަލި ބޮޑުވެގެން މިހާރު ފަރުވާ ދެމުން ދަނީ އަށް މީހަކަށެވެ. އަދި ދެ މީހަކު ވަނީ މަރުވެފަ އެވެ. އެހެންފަރާތްތައް އެއީ އެޗްވަންއެންވަން ވައިރަސް ފްރީ މީހުންނަށް ވުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން ފާހަގަކުރި އެވެ.

މި ރޯގާގައި ނުރައްކާވާ ހާލަތަކީ މިއީ

ކޮންމެ މީހެއްގެ ގަޔަށްވެސް އެޗްވަންއެންވަން އިންފުލުއެންޒާ ވައިރަސް އަރާފާނެ އެވެ. އެކަމަކު ވަކި ހާއްސަ ބައެއްގެ ގަޔަށް އެ ވައިރަސް އެރުމުން ނުރައްކާވާ ހާލަތަކަށް ދެ އެވެ.

އޭގެތެރޭގައި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުން އަދި މާބަނޑު މީހުން ހިމެނޭ ކަމަށް ޑޮކްޓަރުން ފާހަގަކުރެ އެވެ.

ހާލަތު ނުރައްކާވަނީ ފުއްޕާމެއަށް ވައިރަހުގެ އަސަރުކޮށް ނޭވާލާން އުނދަގޫވުމުންކަމަށް ޑރ އަބްދުﷲ ނިޔާފް ވިދާޅުވި އެވެ. އެހެންވެއްޖެ ނަމަ ދެން ނޭވާލައްވަން ޖެހޭނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށްވެސް ވިދާޅުވި އެވެ.

އެހެންނަމަވެސް ހައި ރިސްކް ކެޓަގަރީގައި ތިބޭ އެންމެން އެހާ ސީރިއަސް ނުވެދާނެ ކަމަށް ޑޮކްޓަރުން ފާހަގަކުރެ އެވެ.

16 މާޗު 2016: އައިޖީއެމްއެޗުން މީހަކު ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައްޔަށް ޕޮސިޓިވް ވުމުން ބިރުގަތުމަށްވުރެ ޑޮކްޓަރުން ދެއްވާ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުން ދިއުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވަ އެވެ.

އެޗްވަން އެންވަން ވެގެން ހާއްސަ ފަރުވާއެއް ނުދޭނެ

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ފަރުވާދެވޭނީ އެޗްވަން އެންވަން ތޯ ބަލަން ޓެސްޓް ހަދައި އެއީ އެޗްވަން އެންވަންތޯ ދެނެގަނެގެންނެވެ. ނަމަވެސް އެއީ އެކަން އޮންނަ ގޮތެއް ނޫނެވެ.

ޑޮކްޓަރުން ވިދާޅުވަނީ ޓްސްޓް ހަދަނީ ހަމައެކަނި އެކެޑެމިކް ސްޓެޓިސްޓިކްްސް އަކަށް ކަމަށެވެ.

ރޯގާ ޖެހި ހުން އައުމުން ނުވަތަ އެޗްވަން އެންވަން އަށް ޕޮސިޓިވް ވުމުން އެއީ "އެޗްވަން އެންވަން ވެގެން ފަރުވާއެއް ނުދޭނެ" ކަމަށް ޑރ ނިޔާފު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަރުވާދޭނީ ފެންނަ އަލާމާތްތަކަށާއި ބަލިމީހާއަށް ވާ އުނދަގުލަށް ކަމަށެވެ.

މާޗް 14، 2017: މިދުވަސް ވަރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ --- ފޮޓޯ/ ފަޔާޒު މޫސާ

"ފަރުވާ ދޭނީ މިސާލަކަށް ނޭވާއަށް އުނދަގޫ ވާނަމަ އެކަމަށް ނުވަތަ ހުންއައިސްފި ނަމަ ޕެރެސެޓެމޯލް ދީގެން، ރޯގާނަމަ ރޯގާބޭހެއް ދީގެން. އެޗްވަން އެންވަން ވެގެން ދޭ ހާއްސަ ފަރުވާއެއް ނޯވޭ. އެއީ ފަރުވާދެނީ އެޗްވަންއެންވަން އަށް ނޫންވީމަ،" ޑރ ނިޔާފު ވިދާޅުވި އެވެ.

ސަލާމުކަން ދޭންޖެހޭ ކަންތައްތައް

  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
  • އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައި ދެވިދާނެ ފަރުވާ

  • ގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
  • ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
  • ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
  • ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން