އައްޑޫ ސިޓީގެ ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެ ވެ.

އެކްސިޑެންޓްގެ ހިނގިކަން ކަށަވަރުކޮށްދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިރޭ އިރު އޮއްސި 6:30 ގައި ހިތަދޫގައި ހިނގި އެ އެކްސިޑެންޓްގައި ޒަޚަމްވި ހަތަރު މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ދެ ސައިކަލެއް ޕިކަޕެއްގައި ޖެހި ކަމަށެވެ. ސައިކަލްގައި ތިބީ 18 އަހަރުން ދަށުގެ ކުޑަކުދިން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އަނިޔާވި ހަތަރު މީހުންގެ ހާލު އަދި ކަށަވަރު ވެފައިި ނުވި ނަމަވެސް އެގިފައިވާ ގޮތުގައި އެއް ސައިކަލް ދުއްވަން އިން އަންހެނެއް ފިޔަވައި ދެން ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅެވެ.

އައްޑޫ ލިންކް ރޯޑަކީ ދޭތެރެ ދޭތެރެއިން ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގާ މަގެކެވެ. އަދި ލިންކް ރޯޑްގައި ހިނގާފައިވާ އެކްސިޑެންޓްތަކުގައި ބައެއް މީހުން ވަނީ މަރުވެފައެވެ.