16 Mar 2017, 20:30
އަތޮޅުތަކުގައި ތިބި މާބަނޑު މީހުންނަށް އިންފުލުއެންޒާ ފުލޫ ވެކްސިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އަތޮޅުތަކުގައި ތިބި މާބަނޑު މީހުންނަށް ފުލޫ ވެކްސިން ލިބޭނެ އިރަކާ ބެހޭ ގޮތުން އެ ފަރާތްތަކުން ދަނީ ސުވާލު ކުރަމުންނެވެ. އެކަމާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ފުލޫ ވެކްސިން މިހާރު ރާއްޖޭން ބޭރުން ގެނެސް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
"މާ ލަސްތަކެއް ނުވެ އަތޮޅުތަކުގެ މާބަނޑު މީހުންނަށް ވެސް ފުލޫ ވެކްސިން ލިބިގެންދާނެ،" އެޗްޕީއޭއިން ބުންޏެވެ.
މާބަނޑު މީހުންނަކީ އެޗްވަންއެންވަން ވައިރަހުގެ އަސަރު ކުރާ ހައި ރިސްކް ގްރޫޕުތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. އެހެންކަމުން އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން ދަނީ މާބަނޑު މީހުންނަށް ހާއްސަކޮށްގެން އެ ފަރާތްތަކަށް ސުވައިން ފުލޫ ވެކްސިން ޖަހައިދެމުންނެވެ.
އައިޖީއެމްއެޗުގެ ރީޕްރޮޑަކްޓިވް ހެލްތު ކްލިނިކުން ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވެކްސިން ޖަހަމުން ގެންދާނެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖަހައި ދެނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް، އެ ހޮސްޕިޓަލުގެ ދެ ވަނަ ފަންގިފިލާގައި ހުންނަ ވެކްސިނޭޝަން ރޫމުންނެވެ.