16 Mar 2017, 20:15
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ، އެޗް1އެން1 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް އުއްމީދަކީ ހަފްތާއެއްގެ ތެރޭގައި ރޯގާ ކޮންޓްރޯލް ކުރެވިގެން ދިއުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު "ސަން"އަށް މިއަދު ވިދާޅުވީ، ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ކަމަށް ދައްކަނީ އެ ބައްޔަށް ޓެސްޓު ކުރާ މިންވަރު އިތުރުވުމުން ދާތީ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ވެސް މިހާރު ސާމްޕަލްތައް މާލެ ގެނެސް ޓެސްޓު ކުރެވޭނެ ނިޒާމެއް ގާއިމް ވެފައި އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
ސިއްހީ މާހިރުންނާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ފެތުރޭ ރޯގާތަކަށް އާއްމު ގޮތެއްގައި 14 ދުވަސް ނުވަތަ 2-1 ހަފްތާ ތެރޭގައި ކޮންޓްރޯލް ކުރެވޭ ކަމަށެވެ.
ނަމަވެސް މިފަދަ ހުމުގެ ރޯގާ ނުރައްކާ ބޮޑުވަނީ ބޮޑު ބައްޔެއްގައި އުޅޭ މީހުންނަށް ކަން ފާހަގަކުރައްވައި ވިދާޅުވީ، ރާއްޖޭގައި ރޯގާ ޖެހިގެން ނިޔާވި ދެ މީހުންނަކީ ވެސް ކޮންމެވެސް ކަހަލަ ބޮޑު ބައްޔެއްގައި އުޅެމުންދިޔަ މީހުން ކަމަށެވެ.
ނާޒިމް ވިދާޅުވީ، ހުމުގެ ނުރައްކާތެރިކަން ބޮޑު މީހުންނަށް އެ ބަލި ނުޖެހި އަދި ސީރިއަސް ހާލަތަކަށް ނުގޮސް ވޭތޯ ބެލުމަށް ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނެ ނިޒާމެއް މިހާރު އޮތީ ގާއިމް ވެފައެވެ.
އެގޮތުން އައިޖީއެމްއެޗްގައި 24 ގަޑިއިރުގެ ފުލޫ ކްލިނިކެއް ހުޅުވައި ހިދުމަތް ދެމުން ގެންދާއިރު، އޭޑީކޭ ހޮސްޕިޓަލުން ވެސް ފުލޫ ކުލިނިކެއް ހުޅުވައި އަދި މާލޭގައި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި އެ ހޮސްޕިޓަލްގެ މޯބައިލް ކްލިނިކެއްގެ ހިދުމަތް ދެމުންދާކަން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން މިހާރު ފެތުރެމުންދާ ރޯގާއަށް ހާއްސަ ޓެކްނިކަލް ޓީމެއް އެކުލަވާލައި މަސައްކަތްތަކެއް ކުރަމުން ގެންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ ފަދަ ތަޖުރިބާކާރު ފަރާތްތަކާ ގުޅުން އެބަ އޮތް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެ ފަރާތްތަކާ ގުޅިގެން ބޭނުންވާ ވެކްސިނާއި ބޭސް ހުސްވުމެއް ނެތި ލިބޭނެ މަގު ތަނަވަސް ވެފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އަންނަ ހަފްތާ ތެރޭގައި ވެސް ވެކްސިން ޝިޕްމަންޓެއް ރާއްޖެ އަންނާނެ ކަމަށް ވިދާޅުވިއެވެ.
"މިހާރު އަޅުނގަޑުމެން ބޭނުންކުރަމުން މިގެންދަނީ ހަމަ ހައްޖާއި އުމްރާއަށް ދާ މީހުން ބޭނުންކުރާ ވެކްސިން. އެއީ ޕްރޮޓެކްޝަނަށް ޖަހާ އެއްޗެއް. ފުލޫ ކްލިނިކްގައި ތިބޭ ބޭފުޅުންނަށް ވެސް މިރޯގާގެ ވެކްސިން ވަނީ ދީފައި. އަދި މިހާރު އަޅުނގަޑުމެން މިގެންދަނީ މާބަނޑު މީހުންނަށް ވެކްސިން ދެމުން. ޓެކްނިކަލް ޓީމުން ސްޓޭޖަކަށްފަހު ސްޓޭޖަކަށް ދަނީ އެޓެންޑްވަމުން،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.