16 Mar 2017, 16:02
އައްޑޫ ސިޓީއަށް އަލަށް ގެންގޮސްފައިވާ ދެ ޖެނެރޭޓަރުގެ ފިނިހޫނުމިން ހިފެހެއްޓުމަށް ސީވޯޓާ ކޫލިންގް ސިސްޓަމެއް ގާއިމުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ބަޔަކާ ހަވާލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ފެނަކަ ކޯޕަރޭޝަނުން އެ މަސައްކަތް ކުރުމަށް ހަވާލުކުރީ ވަންތަ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. ގާތްގަނޑަކަށް 7.36 މިލިޔަން ރުފިޔާގެ އެ މަޝްރޫއު ނިންމުމަށް ދީފައި ވަނީ 75 ދުވަހެވެ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވި ގޮތުގައި، އައްޑުއަށް ދެ މެގަވޯލްޓުގެ ދެ ޖެނެރޭޓަރު މިހާރު ގެންގޮސްފައިވާ އިރު، މިއަދު ހަވާލުކުރި މަޝްރޫއުގެ ދަށުން އެ ދެ ޖެނެރޭޓަރަށް ސީވޯޓާ ކޫލިންގް ސިސްޓަމް ވަރަށް އަވަހަށް ގާއިމުކޮށް ނިމޭނެ އެވެ.
ޝަރީފް ވިދާޅުވީ މިއީ ސީވޯޓާ ކޫލިންގް ސިސްޓަމެއް ރާއްޖޭގެ ރަށެއްގައި ގާއިމުކުރާ ފުރަތަމަ ފަހަރު ކަމަށާއި، މިއީ ރޭޑިއޭޓަރެއް ބޭނުންކުރުމަށް ވުރެ އަޑު މަޑު، އަދި މެއިންޓެނަންސަށް ވެސް ފަސޭހަ ގޮތެއް ކަމަށެވެ.
"މިއީ ރަށެއްގައި ފެނަކައިގެ އިންޖީނުގެތަކުގެ ތެރެއިން، ސީވޯޓާ ކޫލިންގް ސިސްޓަމެއް ހަރުކުރެވޭ ފުރަތަމަ ފަހަރު،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީގެ ހިތަދޫ އަދި ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ސެންޓްރަލް ޕަވާސްޓޭޝަނުގައި ބޭނުންކުރަން ޖުމްލަ ހަތަރު މެގަވޯލްޓުގެ ކަރަންޓު އުފައްދާ ދެ ޖެނެރޭޓަރު ގެންގޮސްފައިވާ އިރު، އެކަމަށް ޓަކައި އެ ޕަވާސްޓޭޝަނުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
"މި ޕްރޮޖެކްޓު ނިމޭ އިރު އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް، ދިގު މުއްދަތަކަށް ލިބިގެން ދާނެ،" ޝަރީފް ވިދާޅުވި އެވެ.