ޓްރިޕޮލީ: ނޭޓޯއިން ލީބިޔާއަށް ދެމުންގެންދާ ޙަމަލާތަކާ ގުޅިގެން ލީބިޔާއަށް ވެސް ޔޫރަޕަށް ޙަމަލާ ދެވިދާނެ ކަމުގެ އިންޒާރު ލީބިޔާގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީ ދެއްވައިފި އެވެ.

ޓްރިޕޮލީގެ ގްރީސް ސްކެއަރއަށް އެއްވެފައިވާ ގައްޒާފީގެ ސަޕޯޓަރުންނާ، ލައުޑް ސްޕީކަރުތައް މެދުވެރިކޮށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނޭޓޯ އިން ލީބިޔާގެ އާންމުންގެ ގެދޮރަށާއި ސަރުކާރުގެ ޢިމާރާތްތަކަށް ހަމަލާދީ އާންމުން މަރަމުން ގެންދާއިރު ލީބިޔާމީހުންނަށް ވެސް ކޮންމެވެސް ދުވަހަކުން ޔޫރަޕް މީހުންގެ ގެދޮރަށާއި ޔޫރަޕްގެ އޮފީސްތަކަށް ޙަމަލާދެވިދާނެ ކަމުގަ އެވެ.

ޔޫރަޕަށް އިންޒާރު ކުރައްވަމުން ގައްޒާފީ ވިދާޅުވީ ލީބިޔާއަށް ދެމުން ގެންދާ ވައިގެ ޙަމަލާތައް ނޭޓޯ އިން ހުއްޓާނުލާ ނަމަ ކުޅަނދުރު ބައިގަނޑެއް ކަށިޖަހާގޮތަށް ނޫނީ ގޮއްފުޅަނގި ޙަމަލާދޭ ގޮތަށް ޔޫރަޕްގެ އެތަން މިތަނަށް ޙަމަލާދެވިދާނެ ކަމަށާއި ޔޫރަޕްގެ ބައްރަށް ހަނގުރާމަ ގެންދިޔުމުގެ ޤާބިލްކަން ލީބިޔާއަށް ވެސް ލިބިފައިވާ ކަމުގަ އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ނޭޓޯއިން ލީބިޔާގެ ޢާންމުންނަށާއި މަދަނީ އިންފްރާސްޓްރަކްޗަރ އަށް ޙަމަލާދީ ހަނގުރާމައިގެ ޖަރީމާ ހިންގަމުން ގެންދާ ކަމަށް ގައްޒާފީ ތުހުމަތު ކުރެއްވި އެވެ.

ގައްޒާފީގެ ވާހަކާގައި ފަރަންސޭސިވިލާތުން ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރުދިން މައްސަލަ ކުށްވެރިކޮށް އެއީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށްވެސް ސިފަކުރެއްވިއެވެ.

އަދި ވެރިކަން ދޫކޮށްލައްވާފައި ޤައުމުން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށާ ނޭޓޯއަށް ލީބިޔާ ބަލިނުކުރެވޭނެ ކަމަށް ވެސް ގައްޒާފީ ވިދާޅުވި އެވެ. ގައްޒާފީ ވާހަކަ ދައްކަވާފައި ވަނީ ކޮންތަނެއްގައި ހުންނަވައިގެންކަން އެނގިފައިނުވާ ކަމަށް ޚަބަރުލިބެ އެވެ.

ގައްޒާފީގެ ބާރުތަކުގެ ކިބައިން ލީބިޔާގެ ޢާންމުން ސަލާމަތް ކުރުމުގެ ނަމުގައި ނޭޓޯއިން ލީބިޔާއަށް ހަމަލާ ދެމުން ގެންދާތާ 3 މަހަށްވުރެ ގިނަވެފައިވާއިރު ގައްޒާފީ ގެ ވެރިކަން ނިމުމަކަށް ގެނައުމުގައިވެސް އަދި ހަނގުރާމަ ކާމިޔާބު ކުރުމުގައިވެސް ނޭޓޯވަނީ ފޭލްވެފަ އެވެ. މީގެއިތުރުން ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ވެސް ގައްޒާފީގެ މައްޗަށް ޢަސްކަރީ ގޮތުން ކުރިއެރުންތަކެއް ހޯދިފައެއްނުވެ އެވެ. (އަލްޖަޒީރާ)