މާލެއާއި އަތޮޅު ތެރޭގައި މިހާރު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާއާ ގުޅިގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗުގައި ގިނައިން އެޑްމިޓް ކޮށްފައި ވަނީ ކުޑަކުދިން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މި ރޯގާގައި މިހާތަނަށް 48 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި 24 ކުޑަކުދިން ހިމެނޭ ކަމަށް އައިޖީއެމްޗުން ބުންޏެވެ.

އެޑްމިޓް ކުރި މީހުންގެ ތެރެއިން 42 މީހަކު ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި މިހާރު އިންފުލުއެންޒާ ރޯގާގައި އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ ހަ މީހަކަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އިންފުލުއެންޒާ އެޗްވަން އެންވަން އަށް ޕޮސިޓިވްވި ދެ މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ 26 އަހަރުގެ ފިރިހެނަކާއި 51 އަހަރުގެ އަންހެކެވެ.

އިންފުލުއެންޒާ ރޯގާ އަށް ފަރުވާދޭން އައިޖީއެމްއެޗުގައި ވަނީ ހާއްސަ ވޯޑެއް ގާއިމްކޮށްފަ އެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ އިންފުލުއެންޒާ، ވަނީ އަރާފަ އެވެ. ހާތަނަށް އިންފުލުއެންޒާއަށް ޓެސްޓްކޮށްފައިވަނީ 335 މީހެކެވެ.

އިންފުލުއެންޒާގެ އަލާމާތްތައް

  • ހުން އައުން
  • ކަރުގައި ރިހުން
  • ބޮލުގައި ރިހުން
  • ގައިގައި ރިހުން
  • ހީކަރުވާފައި ވަރުދެރަވުން
  • ބޭރަށް ހިންގުން، ހޮޑުލުން

ސަލާމުކަން ދޭން ޖެހޭ ކަންތައްތައް

  • އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސައި ކިބިހި، އަޅާ އިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
  • އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

ހުމާއި ރޯގާ ޖެހިއްޖެ ނަމަ، ގޭގައިދެވިދާނެ ފަރުވާ

  • ގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
  • ހުންގަދަ ނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
  • ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
  • ހުން އައިސް ރޯގާޖެހި ތިން ދުވަހަށް ވުރެ އިތުރުވާ ނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން

އޭގެ އިތުރުން ހޮސްޕިޓަލު ފަދަ ތަންތަނަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.