16 Mar 2017, 19:57
ސައުދީ އަރަބިއްޔާއިން ފ. އަތޮޅުގައި ހިންގަން އުޅޭ ކަމަށް ބުނާ މަޝްރޫއާ ދެކޮޅު ހަރަކާތަށް ތަކެތި ތައްޔާރުކޮށްދޭ ކަމުގެ ތުހުމަތުގައި ކުރީގެ ފިލްމީތަރި މުހައްމަދު ޝާވިން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ޝާވިންއަކީ ކުރެހުންތެރިއެކެވެ. އަދި އޭނާއަކީ ތަފާތު ތަކެތި ޕްރިންޓުކޮށް، ބެނާ ތައްޔާރުކޮށްދޭ މީހެކެވެ.
ފުލުހުން ބުނީ ޝާވިން ފުލުސް އޮފީހަށް މިއަދު ހާޒިރުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.
ނަމަވެސް އޭނާ ހާޒިރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އޭނާ ފުލުހަށް ހާޒިރުކޮށްފައި ވަނީ، އިދިކޮޅު ފަރާތްތަކުން ފ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުޒާހަރާއަށް ބޭނުންވާ ތަކެތި ޕްރިންޓު ކޮށްދޭ މައްސަލައިގަ އެވެ.
ޝާވިން މިއަދު ފުލުހަށް ހާޒިރުކޮށްފައިވާއިރު، ރާއްޖެއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ކަންތައްތަކެއް ރާވައި ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ފުލުހުން މިމަހުގެ ފުރަތަމަ ދުވަހު ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ދުވަހު ފުލުހުން ވަނީ މިއަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދާ ދެކޮޅަށް ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ހަރުގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، އެތަން ބަލައި ފާސްކޮށްފަ އެވެ.
އޭގެ އިތުރުން މިމަހުގެ ހަތް ވަނަ ދުވަހު އެމްޑީޕީ ހަރުގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، އެތަން ބަލައި ފާސްކޮށް އެތަނުގައި ހުރި އެތަނުގައި ހުރި ބައެއް ތަކެތި އަޅާފައިވާ ހަތަރު ކަރުދާސް ކޮތަޅާއި، 19 ރޯލުގެ ރީނދޫ ފޮތި ގެންގޮސްފަ އެވެ.