އެސްޓީއޯގެ ލޭބަރެއްގެ މަގާމުން ގ. ހަތްތަރި، އަހްމަދު ނަދީމް ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.

އެ ޓްރިބިއުނަލަށް އަހްމަދު ނަދީމު މައްސަލަ ހުށަހަޅާފައި ވަނީ އެސްޓީއޯގައި ލޭބަރެއްގެ ވަޒީފާ އަދާ ކުރަމުން ދަނިކޮށް އޭނާގެ އެއްވެސް މައްސަލައެއް ނެތި ވަޒީފާ ވަކި ކުރީ އެއްވެސް މައްސަލައެއް ނެތި ކަމަށްބުނެ އެވެ. އަދި ވަޒީފާ އިން ވަކި ކުރި އިރު، ތިން މަސް ދުވަހުގެ މުސާރަ ނުލިބޭ ކަމަށާއި އެސްޓީއޯ އިން އެހެން ވަޒީފާއެއް ހަމަޖައްސައިދީ، އޭނާ އަށް ނުލިބިވާ ކަމަށް ބުނާ ތިން މަސް ދުވަހުގެ މުސާރަ ދިނުމަށް ޓްރިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވެ އެވެ.

ނަމަވެސް އެ މައްސަލަ ރައްދުވި އެސްޓީއޯ އިން ބުނެފައި ވަނީ މަގުބޫލު ސަބަބެއް އެންގުމަކާއި ނުލައި އޮފީހަށް ހާޒިރު ނުވެ، ހަތަރު ދުވަހު ހުރުމަށް ފަހު ބަލިވެކަން އެންގުމަށް ނަދީމް ހުށަހަޅާފައި ވަނީ ސައްހަ ނޫން މެޑިކަލް ސެޓްފިކެޓެއް ކަމަށެވެ. އެހެން ކަމުން އޭނާއާ މެދު ކުންފުންޏަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ އެކަން އެސްޓީއޯ އިން ސާބިތުކޮށްދީފައިވާ ކަމަށް ޓްރައިބިއުނަލުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މުސާރަ ނުލިބޭ ކަމަށް ބުނާ މަސްތައް ނަދީމަށް ބުނެދެވިފައި ނުވާ ކަމަށާއި، އޭނާ އަށް އެސްޓީއޯ އިން މުސާރަ ޖަމާކޮށްފައިވާކަން އެންގެން އޮންނަ ކަމަށް ޓްރައިބިއުނަލް އިން ކުރި ހުކުމުގައި ބުނެފައިވެ އެވެ.