16 Mar 2017, 14:30
ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ފެނަކަ ކޯޕަރޭޝަން ހިންގާނެ ގޮތުގެ ބިޒްނަސް ޕްލޭނެއް އެކުލަވާލުމަށް 57،167 ޑޮލަރުގެ މަޝްރޫއެއް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ފެނަކައަށް ބިޒްނަސް ޕްލޭނެއް ހެދުމަށް ހަވާލުކޮށްފައިވަނީ ކޮންސަލްޓަންސީ، އޮޑިޓިންގް އަދި ޕްރޮފެޝަނަލް އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ، އިނގިރޭސިވިލާތުގެ މަލްޓިނެޝަނަލް ކުންފުނި ޑެލޮއިޓް ޓޫޝް ޓޮމަހަޓްސޫ ލިމިޓެޑުން އިންޑިއާގައި ހިންގާ ސަބްސިޑަރީ، ޑިލޮއިޓް އިންޑިއާއާއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، މިއަދު އެކުލަވާލި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ފަސް އަހަރު ފެނަކަ ކޯޕަރޭޝަން ހިންގާނެ ގޮތާއި، ކުންފުނީގެ މިސްރާބު ދާނެ ގޮތް ކަނޑައެޅޭނެއެވެ.
"ކުރިން ފެނަކައިގައި ބިޒްނަސް ޕްލޭނެއްގެ ދަށުންނެއް ނޫން މަސައްކަތް ކޮށްފައިވަނީ. މިހާރު ކުންފުންޏަށް ގެންނަ ބައެއް އިސްލާހީ ބަދަލުތަކުގެ ތެރޭގައި، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުންފުނީގެ މިސްރާބު ކަނޑައަޅައި ކުރިޔަށް ދާނެ ގޮތްތަކެއް ކަނޑައެޅޭނެ،"
ޝަރީފް ވިދާޅުވީ، މިކަމުގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާވެ، ދައުލަތަށް ފައިދާ ކުރުވަނިވި ކުންފުންޏަކަށް ފެނަކަ ކޯޕަރޭޝަން ބަދަލުކުރެވޭނެ ކަމަށެވެ.
ފެނަކައިގެ ފަސް އަހަރު ދުވަހުގެ ބިޒްނަސް ޕްލޭން އެކުލަވާލުމަށް ޑިލޮއިޓް އިންޑިއާއަށް މަސައްކަތް ހަވާލުކުރީ، ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ. މި މަސައްކަތް ނިންމަންޖެހޭ ސުންގަޑިއަކީ މިއަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހެވެ.