ތިނަދޫގެ ގެއެއްގެ ގަރާޖެއްގެ ތެރެއިން އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ފިރިހެން ކުއްޖާގެ މައްސަލައިގެ ތަހްގީގު ކުރިއަށްދަނީ އެވެ. އެތަހްޤީޤު ނިމެންދެން ސަރުކާރުން ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔަލާ އެ ކުއްޖާ ހަވާލުކޮށްފަ އެވެ. އެއީ އެތައް ސަތޭކަ ބަޔަކު އެކުއްޖާއަށް އެހީވުމަށާއި ހަވާލުވުމަށް ތައްޔާރަށް ތިއްބަ އެވެ. އެހީތައް ބަންޑުން ކުރަމުން އަންނަނިކޮށެވެ. ހަމައެއާއެކު މައްސަލައިގެ ތަހުގީގު ނިމެންދެން އެކުއްޖާ، ކުޑަކުދިންގެ ހިޔަލުގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްތޯ ވަރަށް ގިނަ ފަރާތްތަކުން ސުވާލު ވެސް އުފައްދަ އެވެ.

ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި ވިލިމާލޭ ކުޑަކުދިންގެ ހިޔަލަކީ އެންމެ އެކަށީގެންވާ ގޮތުގައި ކުޑަކުދިން ބަލަހައްޓަމުންދާތަނެއް ނޫނެވެ. އެއީ ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ހަގީގަތް ނޭނގޭ ތަނެކެވެ. އަނެއް ބަޔަކު ބުނާ ގޮތުން މިތާހަތަނަށް އޮތް ތަޖުރިބާއަށް ބަލާއިރު ފުލުހުންގެ ތަހުގީގުތަކަކީ އެތައް ދުވަސްތަކަށް ދެމިގެންދާ އަދި ވަރަށް ގިނަ ފަހަރަށް "ހިނދިގެންދާ" ކަންކަމަށްވެފައި އޮތުމުން ޕޮލިސް ތަހުގީގެއް ނިމެންދެން ޅަފަތުގެ ކުއްޖަކު ކުޑަކުދިންގެ ހިޔަލާ ހަވާލު ކުރުމަކީ މައްސަލައިގެ އަސްލު ހިނދިގެން ދިއުން ފަދަ ކަމެކެވެ.

އެކިއެކި "ބަދު ނަސީބު" ހާލަތް މެދުވެރިވެފައިވާ ކުޑަކުދިން ބެލުމަށް ސަރުކާރުން ޤާއިމްކޮށްފައިވާ ވިލިމާލޭ ކުޑަކުދިންގެ ހިޔަލުން ފެންމަތިވެގެން އައިސްފައިވާ މައްސަލަތަކާއި އެ ހަތަރު ފާރުގެ އެތެރެއިން ބޭރުވެފައިވާ އަޑުތަކުގެ ސަބަބުން ކުޑަކުދިންގެ ހިޔަލަކީ ހަމަ ހަގީގަތުގައި ވެސް ކުދިންނަށް ހިޔާ އަޅައިދޭ ތަނެއްތޯ ޝައްކު ކުރެވެ އެވެ.

"ގައިމުވެސް އެއީ ޝައްކުގެ ނަޒަރަކުން މީހުން ބަލާތަނެއް، އެތަނާ މެދު މީހުން ދެކެނީ ރަނގަޅަކަށް ނޫން. އެތަނުގެ ތެރެއަށް ތުއްތު ކުއްޖަކު ދޫކޮށްލުމަކީ މިހާރު ވަރަށް ބޮޑު ސުވާލެއް،" ކުޑަކުދިންގެ ހިޔަލާމެދު ހިޔާލު ފާޅުކުރި ވިލިމާލޭ މީހަކު ބުންޏެވެ. އެ އަންހެން މީހާ ބުނީ ކުޑަކުދިންގެ ހިޔަލުގެ މައްސަލަގަނޑެއް ހިލިފައި ނޯންނަ އަދި އެތަން ހަމަޖެހުމެއްގެ ތެރޭގައި އޮންނަ އިރެއް ނާންނަ ކަމަށެވެ.

"އެއީ އަބަދަވެސް ހައިޖާނުގަނޑެއްގެ ތެރޭގައި އޮންނަ ތަނެއް،" އޭނާ ބުންޏެވެ.

ދާދިފަހުން ވެސް ވަނީ ހިޔަލުގައި ކުޑަކުއްޖަކާމެދު އިހުމާލު ވުމުގެ މައްސަލައެއް ފެންމަތިވެ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފަ އެވެ. އެ ބަލަން ފެށި ބެލުމަށް ފަހުން ވީގޮތެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އޭގެ ފަހުން ވެސް އަދި މިހާރު ވެސް ފުރާވަރުގެ ކުދިން އެތަނުގެ ފުޅަށް މަތިންނާއި ދޮރާށިމަތިން ފުންމާލައިގެން ރަށުތެތެރެއަށް ނުކުމެ ތަފާތު މައްސަލަތައް ވަނީ ނުކުމެފަ އެވެ. އެއްކުއްޖެއްގެ ކިބައިން އެތައް ހާދިސާއެއް ވެސް ވަނީ ހިނގާފަ އެވެ. އެހުރިހާ ކަމަކަށް ވުރެ ނުރައްކަލީ އެތަނާ މެދު ދެކެވޭ ނުރަނގަޅު ވާހާކަތަކެވެ. އަބަދުވެސް އެވާހަކަތައް ދެކެވޭ ކަމަށް ވާނަމަ އެކަމުގައި ފޮރުވިފައިވާ ކޮންމެވެސް ހަގީގަތްތަކެއް ވާނެ އެވެ.

ހެލްތް މިނިސްޓަރުގެ ނައިބު ފާތުމަތު އާފިޔާ ވިދާޅުވީ ތިނަދޫން ފެނުނު ތުއްތު ފިރިހެން ކުއްޖާ ކުޑަކުދިންގެ ހިޔަލާ ހަވާލުކުރަން ހެލްތު މިނިސްޓްރީން ނިންމީ އެ މައްސަލައިގެ ތަހްޤީޤް ކުރިއަށްދާތީ ކަމަށެވެ. ގިނަ ބަޔަކު އެކުއްޖާ ބޭނުންވެފައި ތިބި ނަމަވެސް، ހަމަ ބަޔަކު ބޭނުންވާއިރަށް އެކުއްޖާ އެހެން ދެއްވެން ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީގެ ނިޔަތް ރަނގަޅު ކަމަށް ބެލިދާނެ އެވެ. ހަމައެހެންމެ އެދޭހާ މީހެއްގެ އަތްމައްޗަށް ތުއްތުކުއްޖަކު ދޫކޮށްލެވޭކަށް ވެސް ނޯންނާނެ އެވެ. އެކަމަކު ސުވާލު އުފެދިފައިވާ ތަނެއްގެ ތެރެއަށް ތުއްތު ކުއްޖަކު ދޫކޮށްލުމަކީ ވެސް ވިސްނައިލަން ޖެހޭ ކަމަކަށް ނުވާނެ ހެއްޔެވެ؟ ކުޑަކުދިންގެ ހިޔާ އާންމުން މިހާރު ބަލައެއް ނުގަނެ އެވެ.
" މިހާރުވެސް އެވަރުގެ ތުއްތު ކުދިން އެތަނުގައި އެބަތިބި، ވިހާ ތަނުން ގެންދާ ކުދިންވެސް އެބަތިބި،" އާފިޔާ ވިދާޅުވި އެވެ.
އެއީ ތެދަކަށް ވެދާނެ އެވެ. ނަމަވެސް ހިޔަލުގައި ބޮޑުވަމުން އަންނަ ޅަފަތުގެ ކުދިން ކިރިއާ ވާހަކަ ދައްކަން ފަށާއިރު އެކުދިންގެ ބަސް މަގު ހުންނަނީ އެހާ ރަނގަޅަށް ނޫން ކަމަށް ވެއެވެ. އެތަނުގައި މަސައްކަތް ކުރާ މީހަކު ބުނި ގޮތުގައި އެތަނުގެ ތެރޭގައި ތިބި ވާހަކަ ދައްކާ ކުދިންގެ ބަހުރުވައަކީ އެ ވާހަކަތައް އަޑު އަހާ ބަޔަކަށް އަޖައިބު ހައިރާންކަން ގެނެސްދޭނެ ބަސްމަގެކެވެ.

އެ ސެންޓަރުގައި ހިންގާ ކަންތައްތައް އާއްމުކުރުން މަނާކޮށް، އޮންނަނީ ގަރާރެއްގައި ސޮއި ކުރުވާފަ އެވެ. އޭނާ ބުނީ ހިޔަލުގެ ހަގީގަތް ކިޔައިދިންކަން އެނގިއްޖަ ނަމަ އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށާއި ކުޑަކުދިން ގެ ހިޔަލަކީ ކުދިން ވައްދަން އެކަށީގެންވާ މާހައުލެއް އޮތްތަނެއް ނޫން ކަމަށެވެ.

ހިޔަލުގައި އެކިއެކި އާއިލާތަކުން ގެންނަ ތަފާތު އުމުރު ފުރައިގެ ކުދިންތައް އުޅެމުން ގެންދާއިރު އަދި އެކުދިންގެ ތެރެއިން ބައެއް ކުދިންގެ ބަސްމަގު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ބުނާއިރު އަދި ހަމަ އެހެންމެ ފުލުހުންގެ ތަހުގީގެއް ނިމޭނެ ދުވަހެއް ކަނޑައެޅި ބުނަން ނޭނގޭއިރު އެންމެންގެ އެހީ ބޭނުންވެފައިވާ ތުއްތު ކުއްޖަކު ހިޔަލަށް ގެންދިއުމަކީ ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމެކޭ ނުބުނެވޭނެ ހެއްޔެވެ؟

"ހިޔަލުގައި އުޅޭ އެކި މިޖާޒުގެ ކުދިންގެ ތެރެއަށް ގެންނަ ރަނގަޅު ކުދިންގެ ބަހުރުވަ ވެސް އެފަދަ ގޮތަކަށް ބަދަލުވަމުންދޭ. އެބަހުރި ވާހަކަ ދައްކަން ފެށުމުގައި ވެސް ގޯސްވެފައި،" މައުލޫމާތު ހިއްސާކުރި މުވައްޒަފު ބުންޏެވެ.

އާފިޔާ ވިދާޅުވާ ގޮތުން ކުޑަކުދިންގެ ހިޔަލާ ގުޅިގެން އެކިފަރާތްތަކުން ދައްކާ ވާހަކަތަކަކީ މުޅިން ޙަޤީޤަތެއް ނޫނެވެ. ހިޔަލަކީ ވަރަށް ރަނގަޅަށް ކުދިން ބަލަހައްޓަމުން ގެންދާ ތަނެކެވެ. ހިޔަލަކީ މިސަރަހައްދުގެ ޤައުމުތަކާ އަޅާބަލާއިރު ހަމަ އެންމެ އެކަށީގެންވާ ގޮތުގައި އެކުދިންނަށް ހިދުމަތް ދެމުންގެންދާ އިންސްޓިޓިއުޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތަނުގެ ތެރޭގައި ކުދިކުދި މައްސަލަތައް ހުރި ނަމަވެސް ސީރިއަސް ބޮޑު މައްސަލަތަކެއް ނެތް ކަމަށް އާފިޔާ ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ހިޔަލަކީ ނުވަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްފައިވާ ތަނަކަށް ވިޔަސް، ދޮށީ ކުދިންވެސް ހިޔަލުގައި ބައިތިއްބަން އޮންނަނީ ޖެހިފަ އެވެ. އެހެންވެ އެންމެ އެކަށީގެންވާ ގޮތުގައި ހިޔަލުގައި ހިންގަން ޖެހޭ ބައެއް ޕްރޮގްރާމްތައް ހިންގުމުގައިވެސް ދަތިތަކާ ކުރިމަތި ވެއެވެ.

މިއީ އާފިޔާގެ ވާހަކަ އެކެވެ. އެކަމަކު އާންމުންގެ ވާހަކަ ތަފާތެވެ. އިވޭ އަޑުތައް ތަފާތެވެ. މިހާތަނަށް ފެނުނު މަންޒަރާއި ކުރެވުނު ތަޖުރިބާ ތަފާތެވެ. ދެންވިދާޅުވާނީ ކީކޭ ހެއްޔެވެ؟