ކުއަލަލަމްޕޫރު(މާޗް 16): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްގެ މަރާ ގުޅިގެން އުތުރު ކޮރެއާގެ ހަތަރު މީހަކު ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ.

މެލޭޝިއާގެ އިންސްޕެކްޓާ ޖެނެރަލް ހާލިދު އަބޫ ބަކުރު ވިދާޅުވި ގޮތުގައި ކިމް އަވަހާރަކޮށްލި ދުވަހު އެ ހަތަރު މީހުން ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ތިއްބެވެ. އޭގެ ފަހުން އެމީހުން ވަނީ މެލޭޝިއާ ދޫކޮށް އުތުރު ކޮރެއާއަށް ގޮސްފަ އެވެ.

އަދި އިންސްޕެކްޓަރު ހާލިދު ވަނީ ކިމް ޖޮންގް ނަމްގެ ހަށިކޮޅު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށާއި ކިމްގެ ހަށިކޮޅު އެއްވެސް ބަޔަކާ ހަވާލު ކުރުމާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާނީ އެ ގައުމުގެ ހެލްތު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ކަމަށް ބުނެފަ އެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކިމް ޖޮންގް ނަމް އަވަހާރަކޮށްފައި ވަނީ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވީއެކްސް ނާވް އޭޖެންޓް އޭނާގެ މޫނުގައި ހާކައިގެންނެވެ.

ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ވަނީ އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ އަންހެނެއްގެ މައްޗަށް މަރުގެ ދައުވާ އުފުލައިފަ އެވެ. އެހަމަލާގެ ފަހަތުގައި ވަނީ މެލޭޝިއާ އިން ހޯދަމުންދާ އުތުރު ކޮރެއާގެ ހަތަރު މީހުން ކަމަށް އެގައުމުން ބުނެ އެވެ. (މެލޭމެއިލްއޮންލައިން)