ބާސެލޯނާގެ ޓޯވޯ އެކަޑަމީގައި ތަމްރީން ތަކެއް ފުރިހަމަ ކުރަމުންދާ ގްރީން ސްޓްރީޓްގެ ކޯޗު އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއާ ސޮބާހް މުހައްމަދު، އެ އެކަޑަމީގެ ކޯ ފައުންޑަރަށް ގައުމީ ޖާޒީއެއް ހަދިޔާކޮށްފިއެވެ.

ޓޯވޯ އެކަޑަމީގެ ކޯ ފައުންޑަރު ޓޮޑްއަށް ހަވާލުކޮށްފައިވަނީ ޓޮޑްގެ ނަންޖަހާފައިވާ ޖާޒީއެކެވެ.

ގްރީން ސްޓްރީޓުން ކުރިން ބުނީ، މި ފަދަ ތަމްރީނު ޕްރޮގްރާމެއްގެ ސަބަބުން ސޮބާއަށް އިތުރު ތަޖްރިބާ ލިބި އޭނާގެ ފެންވަރު ރަނގަޅުވެ އެކަމުގެ އެދެވޭ އަސަރު އެޓީމުގެ ކުޅުންތެރިންނަށް ކުރާނެކަމަށެވެ.

ޓޯވޯ އެކަޑަމީގައި ސޮބާ ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމަކީ، އެކެޑަމިކް އެގްޒެމިނޭޝަނަކާއި، އެކަޑަމީގެ ޓީޗިންތަކާއި ޕްރެކްޓިކަލް ސެޝަންތަކާއެކު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

"މި ކުލަބުން މަސައްކަތް ކުރާނަން ކުރިއަށް އޮތް ތަނުގައި ޓޯވޯ އެކަޑަމީއާ ގުޅުން ބަދަހިކޮށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުމަށް،" ގްރީން ސްޓްރީޓުން މައުލޫމާތު ދެއެވެ.

ސްޕެއިންގެ ބާސެލޯނާގައި ހުންނަ ޓޯވޯ އެކަޑަމީއަކީ، ޒުވާން ކުޅުންތެރީންނާއި، ކޯޗުންނާއި، އެނޫންވެސް ފުޓްބޯޅައިގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ޓީމުތައްވެސް ތަރަށްގީކުރުމަށް އެހީތެރިވެދޭ، ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވާ އެކަޑަމީއެކެވެ.

ޓޯވޯގެ ތަމްރީނުތައް ބިނާކޮށްފައި ވަނީ، ނެދަލޭންޑްސްގެ ފުޓްބޯޅަ ލެޖެންޑް ޔޯހާން ކްރައިފް އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ބޭނުންކުރި "ޓޯޓަލް ފުޓްބޯލް"ގެ މައްޗަށެވެ.

ގްރީން ސްޓްރީޓުން ބުނީ، އެކްލަބުން ކުރިއަށް އޮތްތާނގައި، ޓޯވޯ އެކަޑަމީއާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އެ އެކަޑަމީގެ ކޯޗުންނާއި ތަޖްރިބާކާރުން ރާއްޖެ ގެނެސް ކްލަބުގެ ތަމްރީންތަކުގައި ބައިވެރިކޮށް ކުޅުންތެރީންނަށް އެހީތެރިވެދިނުމުގެ އިތުރުން އެ ކްލަބުގެ އެކަޑަމީއަށް ވެސް ޓޯވޯގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.