16 Mar 2017, 11:02
ހަލުވިކަމާ އެކު ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާ އާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރާ މާބަނޑު އަންހެނުންނަށް ޗުއްޓީދީފި އެވެ.
މާބަނޑު މީހުންނަށް ރޯގާ ޖެހިއްޖެ ނަމަ ސީރިއަށް ހާލަތަށް ދިއުމުގެ ނުރައްކާ އޮތް ކަމަށް ޑޮކްޓަރުން ދަނީ ފާހަގަކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުގައި މަސައްކަތް ކުރާ ޕާޓް ޓައިމް ވިޔަސް ފުލް ޓައިމް މާބަނޑު މީހެއް ނަމަވެސް ޗުއްޓީ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުގައި މަސައްކަތް ކުރަނީ ކިތައް މާބަނޑު މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މާބަނޑު މީހުންނަށް ޗުއްޓީ ދިނުމަށް ނިންމީ މި ރޯގާއަކީ މާބަނޑު މީހުންނަށް ނުރައްކާ އޮތް، ރޯގާއެއް ކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައި ވާތީ ކަމަށް އިލެކްޝަންސް އިން ބުންޏެވެ. އަދި އެ ޗުއްޓީއަކީ އެމީހަކަށް ހައްގުވާ އެއްވެސް ޗުއްޓީއަކުން އުނި ކުރުމެއް ނެތި ދެވޭ ޗުއްޓީއެއް ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
މާބަނޑު މީހުން އެޗުއްޓީގައި ތިބޭނީ އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
މާބަނޑު މީހުންނަކީ އެޗްވަންއެންވަން ވައިރަހުގެ އަސަރު ކުރާ ހައި ރިސްކް ގްރޫޕުތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. އެހެންކަމުން އައިޖީއެމްއެޗު އާއި އޭޑީކޭ ހޮސްޕިޓަލުން ދަނީ މާބަނޑު މީހުންނަށް ހާއްސަކޮށްގެން އެ ފަރާތްތަކަށް ސުވައިން ފުލޫ ވެކްސިން ޖަހައިދެމުންނެވެ.
އައިޖީއެމްއެޗުގެ ރީޕްރޮޑަކްޓިވް ހެލްތު ކްލިނިކުން ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވެކްސިން ޖަހަމުން ގެންދާނެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖަހައި ދެނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް، އެ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގައި ހުންނަ ވެކްސިނޭޝަން ރޫމުންނެވެ.