ތައުލީމީ އިލްމުވެރިން ބުނެއުޅެ އެވެ. މީހުންނަށް ދަސްވާނީ އަދި އަމަލުކުރާނީ ވެސް އެމީހުންނަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށެވެ. އެކަމަށް ހެކިދޭ ހާދިސާތަކުގެ ތެރޭގައި ތަފާތު ފިލްމުތައް ބަލައިގެން ހިންގާފައިހުންނަ ޖަރީމާތަކުގެ ތެރެއިން މީހުން މަރާފައި އެބަހުއްޓެވެ. ބަދުއަހުލާގީ އަމަލުތައް ހިންގުން އާންމު ވުމަކީ އޭގެ ނަތީޖާތަކެވެ. ހާއްސަކޮށް އާންމު ތަންތަނުގައި އެފަދަ އަމަލުތައް ހިންގަން ޖެހިލުން ނުވުން ހިމެނެ އެވެ.

ރާއްޖެއަށް އިޖުތިމާއީ ގޮތުން މިއަދު ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު އެއަސަރު ބޮޑެވެ. ލަވައާއި ފިލްމުގެ ނަމުގައިބަދުއަހުލާގީކަންކަމަށް މީހުން ޝައުގުވެރިކޮށް ނުވަތަ އެކަންކަމަށް ހިތްޖައްސަން މަސައްކަތްކުރުންވަރަށް އާންމެވެ. ދުވަހުން ދުވަހަށް އެކަން ބޮޑުވެގެންގޮސް މިހާރު މިވަނީ ހައްދުފަހަނަ އަޅައިފަ އެވެ.

ރާއްޖޭގައި ގެނައުން އަދި އުފެއްދުން މަނާތަކެތީގެ ތެރޭގައި އޮރިޔާން ކާޑް ހިމެނެއެވެ. އޮރިޔާން ކާޑްކަމަށް ގާނޫނުގައި ބުނަނީ ޖިންސީ ގުނަވަންތައް ދައްކައިދޭ ވީޑިއޯ އަދި ފޮޓޯ އާއި ޖިންސީގުުޅުން ސިފަކޮށްދޭ އަޑާއި ވާހަކަ އެވެ.

ނުރައްކާ ވަރަށް ބޮޑު

މީގެކުރިން ރާއްޖޭގައި ދައުއުލަތުގެ މީޑިއާއިން އެއްޗެއް ދެއްކުމުގެ ކުރިން ސެންސަރު ކުރާ ކޮމެޓީއަކުން ބަލައި ދީނާއީ ހިލާފް އަޑުތަކާއި މަންޒަރުތައް ކަނޑަ އެވެ. އެކަމުގައި ހަތް އަހަރު އިސްކޮށް ހަރަކާތްތެރިވި އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި މުނިފޫހިފިލުވުމަށްކަމަށް ބުނެ އެފަދަ ކަންކަން އާންމު ކުރުމަކީ އޭގެ ނުރައްކާ ވަރަށް ބޮޑުކަމެކެވެ. ސަބަބުތަކުގެ ތެރޭގައި މީހުން ދީނާ ދުރަށް ގެންދިއުން ހިމެނެއެވެ.

"ތިއީ މާސީރިއަސް ކަމެއް، މީހުން ލައްވައި ބަދުއަހުލާގީ ކަންތައްތަކަށް ހިތްވަރުދޭ ބަސްތަކާއި ލަވަތަކާއި މިކަހަލަ އެއްޗެހި ފެތުރުން، އެއީ ދުނިޔެވީ ގޮތުން ވިސްނިއަސް އަދި އުހުރަވީ ގޮތުން ވިސްނިއަސް ނުރައްކާތެރިކަމެއް، ތިކަން އޮރިޔާން ކާޑްގެ ތެރެއަށް ވަންނާނެ، އެއީ ރާއްޖޭގައި މަނާއެއްޗެއް،" ޝެއިހް ފަހުމީ ވިދާޅުވި އެވެ.

ޖިންސީ އަދި ފާހިޝްކަންކަމަށް ދެވިހިފުމަކީ އިންސާނުން ކިބައިގައި ހުންނަ ކަންކަމަށްވުމުން ނުސީދާކޮށް އެކަންކަން ކުރެވެން ފެށުމުން ދީނާއި ދުރަށް އެފަދަ ފަރާތްތަކުން ދާނެކަމަށް ޝެއިހް ވިދާޅުވެ އެވެ. އެކަމުގެ ސަބަބުން ގައުމު ތެރޭގައި ބައިބައިވުން އުފެދި ފިތުނަވާނެ ކަމަށް ޝެއިހް ވިދާޅުވި އެވެ.

"ގައުމެއްގެ ނިސްބަތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް މިއީ، މިއީ ގައުމު ބައިބައިވާނެ ކަންކަން، މިއީ މިކަމުގައި އުޅޭ މީހުންނަށް ވިސްނޭ ކަންކަމެއް ނޫން، އެމީހުންނަކަށް ނުވިސްނޭ މިއީ ކިހާވަރެއްގެ ކަމެއްކަމެއް،" ޝެއިހް ވިދާޅުވި އެވެ.

ޝެއިހް ވިދާޅުވި ގޮތުގައި ހެޔޮގޮތުގައި މީހުން ވަގުތު ހޭދަކުރުމުގެ ފުރުސަތު ނުދިނުމަށް މުޅި ދުނިޔޭގައި ވެސް އެކަން އެގޮތަށް ހިންގާ ކަމަށާއި އެއީ މީހުންގެ އަހުލާގު ނެތިކޮށް އުފެއްދުންތެރިކަން ދަށް ކުރުމަށް ކުރާކަންކަން ކަމަށެވެ.

"އިލްމުވެރިއަކަށް ވެރިއަކަށް އަތްބަކަށް މަޔަކަށް އިހުތިރާމް ކުރުމެއް ނެތިއްޖެއްޔާ އެއީ އަގުނެތް ބަޔެއް، އެއީ މަގުސަދަކީ،" ޝެއިހް ވިދާޅުވި އެވެ.

ނަފްސާނީ ބަލިމަޑުުކަމެއް

ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެފަދަ ވީޑިއޯތައް ބަލާ ފަރާތްތަކަށް ނަފްސާނީ ގޮތުން އެތައް މައްސަލައެއް ކުރިމަތިވެ އެވެ. އެގޮތުން މީހާ ޑިޕުރެސްއަށް ދިއުމާއި އެކަމަށް ދެވިހިފުމަކީ އާންމުކޮށް ދިމާވާ މައްސަލަތައްކަމަށް ސައުދާ ވިދާޅުވި އެވެ.

"ޑުރަގްސް އަލްކަހޯލް ބޭނުންކުރާ މީހުންގެ ސިނކުޑީގެ ގެޕް، ބުރެއިން އެކްޓިވިޓީ އާއި އެއްވަރު އެބަލާގަޑީގައި އެފަދަ މީހުންގެ، އެއީ ހަމަ ފާޑެއްގެ އެޑިކްޓެއް،" ސައުދާ ވިދާޅުވި އެވެ.

"ސެކްޝުއަލް ޑިސްފަންގްޝަނަލް ޑިސްއޯޑާ" އަށް އަވަހަށް ފަރުވާ ހޯދަން ސައުދާ އިލްތިމާސްކުރެ އެވެ. ސައުދާ ވިދާޅުވީ އެފަދަ ފަރާތްތަކަށް ދޭންޖެހޭ ފަރުވާ އަކީ މަސްތުވާ ނުވަތަ ދެވި ހިފާ ފަރާތްތަކަށް ދޭންޖެހޭވަރުގެ ފަރުވާއެއް ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ ކައުންސިލިން ދިނުމާއި ކޮގްނިޓިވް ބިހޭވިޔަރަލް ތެރަޕީ ދިނުމެވެ.

އާންމު އެކަމަކު ނުހުއްޓުވޭ

ރާއްޖޭގައި އެފަދަ ކަންކަން އިންތިހާއަށް އާންމުވަމުންދާއިރު އެކަމަށް ސަޕޯޓްކުރާ ފަރާތްތަކުން ވެސް ގިނައެވެ. ހިތާމައަކީ ކަމާބެހޭ އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާތީ އެވެ. ރާއްޖޭގައި އުފައްދާ މުނިފޫހި ފިލުވުމުގެ އެކިއެކި އުފެއްދުންތައް ސެންސަރުކުރުމުގެ ބާރު ލިބިފައިވާ ނެޝެނަލް ބިއުރޯ އޮފް ކްލެފިކޭޝަން އިން އެކަން ކުރާކަމަށް ބުނާއިރު ރާއްޖޭގެ ސިނަމާތަކުން ދަށްވާ ފިލްމުތައް ވަރަށްވެސް ބަދުއަހުލާގީ އެވެ.

ފުލުހުންގެ ހެޑް އޮފް ސްޓްޓެޖީ އެންޑް ލީގަލް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ހިލާފްް އެލަވަތަކުގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ.

"ފުލުހުން އެޓެންޑް ކުރާނެ، އެކަމާ ގުޅޭ މައުލޫމާތު ހޯދަމުންދަނީ، ރެގިއުލޭޓް ބޮޑީތަކާ އެކު އެކަމާ ބެހޭ މައުލޫމާތުތައް ސާފްކޮށް ކުރަން ޖެހޭ ކަންކަން ކުރަމުންދަނީ،" ޝިފާން ވިދާޅުވި އެވެ.

އަވަހަށް ހުއްޓާލާ ތިޔައީ ބޮޑުފާފައެއް!

ބަދުއަހުލާގީ މަންޒަރުތައް ބަލާހެދުމުގެ ނުރައްކާ ކުރިމަތިވަނީ ހަމައެކަނި ދުނިޔޭގައި އެކަންޏެއް ނޫނެެވެ. އެކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ހަރާމް ކުރައްވާފައިވާ ކަމެކެވެ. އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި އެއީ މާތްﷲ ހަރާމް ކުރައްވާފައިވާ ކަމެކެވެ. ހަމައެއާ އެކު އެއީ ހަރާމް ކަމަކަށް އަރައިގަތުމަށް ޝައުގުވެރިކަން އުފައްދާ ކަމެއް ކަމުން އެކަމުން ސަލާމަތްވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އޭގެ [ބަދުއަހުލާގީ މަންޒަރުތައް ބެލުމުގެ] ނަތީޖާއެއްގެ ގޮތުން އެބާވަތުގެ ކަންކަމުގެ ތެރެއަށް ވަނުމަށް ފުރުސަތު ހުޅުވިގެންދޭ، ނުރައްކާތެރިކަމެއް އެއީ،" ފަހުމީ ވިދާޅުވި އެވެ.

ކޮންމެ އަކަސް މިއަދު އާންމުވެ ސޯޝަލް މީޑިއާއާއި މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ފަތުރަމުން މިދަނީ ބޮޑު ފާފައެކެވެ. މިއީ ސީރިއަސް ނަޒަރަކުން ވިސްނައި އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ. ސަބަބަކީ މިކަމުގެ ސަބަބުން ދީނާއި އެތައް ބަޔަކު ދުރުވެ ފާހިޝް އަމަލުތަކަށް ދެވިހިފާތީ އެވެ.