16 Mar 2017, 10:29
ޔޫރަޕުން އިސްލާމް ދީނާ އަދި މުސްލިމުންނާމެދު ޒަމާނުއްސުރެ ގެންގުޅޭ ދުޝްމަންކަން މިފަހަކަށް އައިސް އިތުރުވެ އެކަމަށް ގާނޫނީ އަދި ޝަރުޢީ ބާރު ލިބެމުންދާކަމަށް ލަންޑަންގައި ނުކުންނަ ދި އިންޑިޕެންޑެންޓް ނޫސް ބުނެފި އެވެ.
މިނޫހުގައި މުސްލިމް ނޫސްވެރިއެއް ކަމަށްވާ ސޮފިޔާ އަހުމަދު ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުން ޔޫރަޕްގެ އެތައް ގައުމެއްގައި މޫނު ބުރުގާ މަނާކުރުމުގެ ގާނޫނުތައް ހަދައި ތަންފީޒުކުރަން ފެށުމާއި ރެފިއުޖީންނަށް ވަޒަންވެރިކުރުވުމާ ދެކޮޅު ގާނޫނުތައް ހެދުން ފަދަ ކަންކަމަކީ ސީދާ މުސްލިމުންނަށާއި އިސްލާމް ދީނަށް އަމާޒުކޮށްގެން ކުރާ ކަންކަމެކެވެ.
މިދިޔަ ހޯމަ ދުވަހު ޔޫރަޕިޔަން ކޯޓް އޮފް ޖަސްޓިސް އިން ވަނީ މޫނު ބުރުގާގެ އިތުރުން އާދައިގެ ބުރުގާ އަޅާ އަންހެނުން ވެސް މަސައްކަތުގެ މާހައުލުން ބޭރުކުރުމުގެ ހައްގާއި އިޚްތިޔާރު ޔޫރަޕްގެ ކުންފުނިތަކަށް ލިބިދޭ ހުކުމެއް ކޮށްފަ އެވެ. މިއީ ޔޫރަޕްގެ ކުންފުނިތަކާއި ކާރުޚާނާތަކުގައި މަސައްކަތްކުރުމުގެ ހައްގުން މުސްލިމް އަންހެނުން މަހްރޫމް ކުރުމުގެ ބޭނުމުގައި ޔޫރަޕިޔަން ކޯޓް އޮފް ޖަސްޓިސް އިން ކުރި ހުކުމެއްކަމަށް މިނޫސް ބުނެ އެވެ.

އިސްލާމް ދީނާ ދެކޮޅަށް ޔޫރަޕްގައި މުޒާހަރާ ކުރަނީ
ޔޫރަޕްގެ ނަސާރާއިންނަކީ އިސްލާމީ ޚިލާފަތުގެ ޒަމާނުއްސުރެ ވެސް މުސްލިމުންނާ މެދު ދުޝްމަންކަން ފާޅުކުރަމުން ގެންގޮސްފައިވާ ބައެއްކަމަށާއި މިދުޝްމަންކަން އެންމެ ފާޅުކަންބޮޑު ގޮތެއްގައި ކުރިޔަށްގޮސްފައި ވަނީ ސަލީބީ ހަނގުރާމައިގެ ދުވަސްވަރުގައިކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ސަލީބީ ހަނގުރާމައަކީ ނަސާރާއިންގެ ސަލީބު ޝިޢާރަކަށް ހަދައިގެން އިސްލާމީ ދުނިޔެ އަޅުވެތިކޮށް އިސްތިއްމާރު ކޮށް މުސްލިމުންގެ ބިންތައް ގަދަބާރުން ހިފައި އިސްލާމްދީން ނައްތާލުމަށް ޓަކައި ޔޫރަޕްގެ ނަސާރާއިން މީލާދީ ގޮތުން އެގާރަވަނަ ގަރުނުން ފެށިގެން މީލާދީގޮތުން ތޭރަވަނަ ގަރުނުގެ ފަހުކޮޅާ ހަމައަށް ކުރިޔަށްގެންދިޔަ އުދުވާނީ ހަނގުރާމަތަކެކެވެ.
މިހަނގުރާމަތަކުގައި އިސްލާމީ ދުނިޔޭގެ ބޮޑު ސަރަހައްދެއް ޔޫރަޕުން ހިފައި މުސްލިމުންގެ އެތައް ބަޔަކު އަޅުވެތިކޮށް މުސްލިމުންގެ އެތަށް ހާސްބަޔަކު ޝަހީދުކޮށް ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގި އެވެ. މި އުދުވާނީ ހަނގުރާތަކުން އިސްލާމީ އުންމަތް ސަލާމަތް ކުރުމުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯއްދެވީ އައްޔޫބީ ދައުލަތުގެ ބާނީ މަޝްހޫރު ސަލާހުއްދީން އަލްއައްޔޫބީ އެވެ.
ޔޫރަޕުން އިސްލާމް ދީނާ އަދި މުސްލިމުންނާ މެދު ޒަމާނުއްސުރެ ގެންގުޅޭ ދުޝްމަންކަމުގެ ތެރޭގައި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފައްދައި ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ގައުމާއި ވަޒަން ގެއްލުވާލުން ހިމެނެ އެވެ. އަދި މިފަހަކަށް އައިސް މިދުޝްމަންކަން ވަނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި އިސްލާމީ ގައުމުތައް ހަލާކުކޮށްލުމުގެ އުދުވާނީ ހަނގުރާމަތަކަކަށް ބަދަލުވެފަ އެވެ.
މިގޮތުން އިނގިރޭސިވިލާތް ބައިވެރިވެގެން އިރާގާ ދެކޮޅަށް އެމެރިކާ އުދުވާނީ ހަނގުރާމައެއްކޮށް އިރާގު ހަލާކު ކޮށްލުމާއި ޑިމޮކްރަސީގެ ނަމުގައި ސޫރިޔާ، ލީބިޔާ ފަދަ އިސްލާމީ އެތައް ގައުމުތަކެއް ހަލާކުކޮށްލުމަށްޓަކައި އަރަބި ބައެއް ގައުމުތަކު ވެސް އެހީ ހޯދައިގެން އެމެރިކާއާއި ޔޫރަޕުން ހިންގަމުންގެންދާ ހަނގުރާމަތަކަކީ މިދުޝްމަންކަމުގެ ބައެއްކަމަށް މިރިޕޯޓްގައި ސޯފިޔާ އަހަމްދު ފާހަގަ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން ޔޫރަޕުން މުސްލިމުން ބޭރުކުރުމަށް ގޮވާލާ ހަރުކަށި ސިޔާސީ ގައުމީ ޕާޓީތައް މިފަހަކަށް އައިސް ޔޫރަޕުން ފެންމަތިވަމުން ދިޔުމަކީވެސް ޔޫރަޕުން އިސްލާމް ދީނާ އަދި މުސްލިމުންނާމެދު ގެންގުޅޭ ދުޝްމަންކަން އިތުރުވަމުންދާ ކަމުގެ ހެއްކެތް ކަމަށް މިނޫސް ބުނެ އެވެ. (ދި އިންޑިޕެންޑެންޓް)