02 Jul 2011, 22:27
ދިރާގް ދިވެހި ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމުމަކާ ގާތަށް އައި އިރު ލީގް ތާވަލްގެ އެއްވަނާގައި އޮތް ވީބީ ސްޕޯޓްސް ކުލަބާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ވިކްޓަރީ މިއަދު ހަވީރު ނިއު ރެޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުން 1-1 ލަނޑުން ހަމަހަމަވެ، ދެ ޓީމަށް ވެސް ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެ އެވެ.
ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ލަނޑެއް ޖެހީ ނިއުރެޑިއަންޓުން ނެވެ. މެޗްގެ 42 ވަނަ މިނެޓުގައި އިބްރާހިމް ސިޔާމް (ދޮނާ) ކާމިޔާބު ކޮށްދިން ލަނޑާ އެކު ފުރަތަމަ ހާފްގެ ކުޅުން ނިމުނީ 1-0 އިން ކުރީގައި އޮވެގެނެވެ.
މެޗްގެ ދެ ވަނަ ހާފަށް ދެ ޓީމް ކުޅެން ނުކުތް އިރު ލީޑް ހޯދާފައިވާ ނިއުގެ މައްޗަށް ކާމިޔާބު ހޯދަން ވިކްޓަރީން ހިތްވަރުލީ ވަރަށް ބޮޑަށެވެ. އެ ހިތްވަރު ދެގުނައަށް އިތުރުކުރަން ޖެހުނީ މެޗްގެ 69 ވަނަ މިނެޓުގައި ނިއުގެ ސެންޓޭ އަށް ކުރި ނުރައްކާތެރި ޓެކްލަކާ އެކު ދެ ވަނަ ރީނދުލެއް ދައްކައި ވިކްޓަރީގެ އަހުމަދު ފިރާޒް މޫސާ (ކުޑަމައްލާ) ދަނޑުން ފޮނުވާލުމުން ނެވެ.
ކުޑަ މައްލާ ކުޅުމާ ވަކި ނަމަވެސް މެޗްގެ ބާކީ އޮތްބައި 10 ކުޅުންތެރިންނާއެކު ކުޅެންޖެހުނު ވިކްޓަރީގެ ހިތްވަރަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ކުރި ގަދަ ހިތްވަރުގެ އިނާމު ވިކްޓަރީއަށް ލިބުނީ މެޗު ނިމެން ހަތަރު މިނެއްޓަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހުސެން ސިމާޒް (ކޮކީ) ޖަހައިދިން ލަނޑުންނެވެ. ކޮކީގެ ލަނޑުން ނަތީޖާ ހަމަހަވުމުން ވިކްޓަރީގެ ހިތްވަރު އާވެގެން ދިޔަ އެވެ. ނަމަވެސް ފުއްދައިލަން ޖެހުނީ ޕޮއިންޓަކުންނެވެ.
މި މެޗާއެކު ވިކްޓަރީ، ނިއުއަށް ވެސް މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅެން ޖެހޭ މެޗުތައް ނިމުނީ އެވެ. ދެވަނަ ބުރު ނިންމާލި އިރު 30 ޕޮއިންޓް ހޯދައިގެން ވިޓަރީ އޮތީ ދެވަނައިގަ އެވެ. އެއްވަނާގައި އޮތް ވީބީ އާދެމެދު އޮތް ފަރަގު ވިކްޓަރީއަށް ކުޑަކުރެވުނީ ފަސް ޕޮއިންޓަށެވެ. ވީބީ އެއްވަނައިގައި އޮތީ 35 ޕޮއިންޓާއެކު އެވެ.
ލީގުގެ ތިން ވަނައިގައި ނިއު އޮތީ 24 ޕޮއިންޓާ އެކުއެވެ.
ދެ ވަނަ ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ އޭވައިއެލް އާއި ވެލެންސިއާ އެވެ. އެމެޗަކީ ވެލެންސިޔާއަށް ބޮޑުމެޗެކެޗެ. ސަބަބަކީ އެ މެޗުން ބަލިވާ ޓީމެއް ރެލިގޭޓްވާ އިރު، މޮޅުވާ ޓީމެއް ލީގުގެ ތިން ވަނަ ބުރަށް ދަތުރު ކުރާނެތީ އެވެ. ބޮޑު މެޗަށް މެޗަށް މި ދެ ޓީމް ނުކުންނައިރު ފުރުސަތު ބޮޑީ ވެލެންސިޔާ އަށެވެ. މެޗުގައި ޕޮއިންޓަކުން ފުއްދާލެވުނަސް ރެލިގޭޝަނުން ސަލާމަތްވާނެތީ އެވެ.