ވޮޝިންޓަން (މާޗް 16): މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ހަ ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކުރާ އާ ރިޔާސީ އަމުރު ހަވާއީގެ ކޯޓަކުން ހުއްޓުވައިފި އެވެ.

މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރަން ނިންމާފައި އޮތް އާ އަމުރުގެ ދަށުން ސީރިއާ، ލީބިއާ، ޔަމަނު، އީރާން، ސޫދާން އަދި ސޯމާލިއާގެ ރައްޔިތުންނަށް ތިން މަސް ވަންދެން އެމެރިކާ އަށް ނުވަދެވޭނެ އެވެ.

އެ އަމުރު ހުއްޓުވަމުން ޑިސްޓްރިކްޓް ޖަޖް ޑެރިކް ވަޓްސަން ވަނީ އެ ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރުމަކީ ގައުމީ ސަލާމަތަށް ޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެކަން ސާބިތު ކުރަން ހުށަހަޅާފައިވާ ހެއްކާ ބެހޭ ގޮތުން ސުވާލު އުފެދޭ ކަމަށް ބުނެފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކޯޓުގެ ނިންމުމަށް ފާޑު ވިދާޅުވެ، އޭގެ ސަބަބުން އެމެރިކާ 'ބަލިކަށި' ކަމަށް ދައްކާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދަން ޖެހޭނެ ކަމަށާއި އެކަން ވެސް ކުރައްވާނެ ކަމަށާއި، ސަރުކާރު ކާމިޔާބު ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަވާއީގެ އިތުރުން ވޮޝިންޓަން، އޮރެގަން، މިނިސޯޓާ، ނިއު ޔޯކް އަދި މެސެޗޫސެޓްސްގެ ކޯޓުތަކުން ދަނީ ރައީސް ޓްރަމްޕްގެ އަމުރު ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.

ރައީސް ޓްރަމްޕް މީގެ ކުރިން ޖެނުއަރީ މަހު ސޮއި ކުރެއްވި އަމުރާ ހިލާފަށް މިފަހަރުގެ އަމުރުގައި އިިރާގު ނުހިމެނެ އެވެ. އެއީ އެގައުމުން ވިސާ ސްކްރީނިންގް އާއި ޑޭޓާ ޝެއަރިން ފަދަ ޕްރޮސީޖާތައް ކުރިޔަށް ވުރެ ވަރުގަދަ ކުރުމުގެ ސަބަބުން ކަމަށް އެމެރިކާ އިން ބުނެ އެވެ.

މީގެ އިތުރުން ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ދިޔުން މަނާ ކުރާ ގަވާއިދު އުވާލުމުގެ އިތުރުން އެމެރިކާ އަށް ދިޔުން މަނާކޮށްފައިވާ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ގްރީން ކާޑު އޮތް ފަރާތްތަކަށް އެއްވެސް ހުރަހަކާ ނުލައި އެމެރިކާ އަށް ދަތުރު ކުރެވޭނެ ކަމަށް ވެސް އާ އަމުރުގައިވެ އެވެ. (ބީބީސީ)