ޔޫއެފާ ޗެމްޕިއަންސް ލީގުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ކަޓުވާލައި، އަވޭ ގޯލުން ފްރާންސްގެ މޮނާކޯ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ސިޓީގެ މައްޗަށް މޮނާކޯއިން ކުރި ހޯދީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ. އެގްރިގޭޓުން ދެ ޓީމު 6-6 ލަނޑުން އެއްވަރުވި ނަމަވެސް، ކުއާޓާގެ ޖާގައެއް މޮނާކޯއަށް ލިބުނީ އަވޭ ގޯލުންނެވެ. ސިޓީގެ ދަނޑުގައި މޮނާކޯއިން ތިން ލަނޑު ކާމިޔާބުކުރިއިރު، ރޭގެ މެޗުގައި ސިޓީއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި މޮނާކޯއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮނާކޯ މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

މޮނާކޯގެ ކޮލަމްބިއާ ފޯވަޑް ރަޑަމެލް ފަލްކާއޯ ނުލައި ރޭ ކުޅުނު މެޗުގެ އަށްވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ބެނާޑޯ ސިލްވާ ދިން ބޯޅައަކުން މޮނާކޯއަށް އެލަނޑު ކާމިޔާބުކޮށްދިނީ ފްރާންސް ފޯވަޑް ކީލިއާން އެމްބާޕޭއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ސިޓީގެ ގޯލު ކައިރިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި، މޮނާކޯއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 29 ވަނަ މިނެޓުގައި މޮނާކޯއިން އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރިއެވެ. ބެންޖަމިން މެންޑީ ދިން ބޯޅައަކުން މޮނާކޯއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު ފަބީނިއޯއެވެ. ފުރަތަމަ ހާފު 2-0 ލަނޑުން މޮނާކޯ ކުރީގައި އޮވެ ނިމުނުއިރު، އެ ހާފުގައި ސިޓީއަށް ލަނޑުޖަހާނެ އެއްވެސް ފުރުސަތެއް ލިބިފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި މޮނާކޯއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮނާކޯ މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ސިޓީއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ލެރޯއީ ސާނޭ ދިން ބޯޅައަކުން ސާޖިއޯ އަގުއެރޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވިއިރު، ޑޭވިޑް ސިލްވާ ދިން ބޯޅައަކުން އަގުއެރޯ ފޮނުވާލި ހަމަލާ، މޮނާކޯގެ ކީޕަރު ޑެނިއެލް ސުބަސިޗް ވަނީ މަތަކޮށްފައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ސިޓީއަށް ސާނޭ ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް، އޭގެ ހަ މިނެޓް ފަހުން މޮނާކޯއިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ތޯމަސް ލެމާ ނަގައިދިން ހިލޭ ޖެހުމަކުން މޮނާކޯއަށް އެލަނޑު ކާމިޔާބުކޮށްދިނީ ޓިއޭމޯ ބަކަޔޯކޯއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި މޮނާކޯއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮނާކޯ މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

ގަދަ 16ގެ ދެވަނަ ލެގުގައި ރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި ޖަރުމަންގެ ބަޔާން ލެވަކޫސަން ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެތުލެޓިކޯ އެއްވަރުވި ނަމަވެސް، 4-2 ލަނޑުގެ އެގްރިގޭޓުން ކުރީގައި އޮތުމުން އެޓީމަށް ވަނީ ކުއާޓާގެ ޖާގައެއް ލިބިފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ވާދަކުރާ އަށް ޓީމު މިހާރު ވަނީ ކަށަވަރުވެފައެވެ. މޮނާކޯއާއި އެތުލެޓިކޯގެ އިތުރުން ކުއާޓާގައި ވާދަކުރާނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާއާއި އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީއާއި އިޓަލީގެ ޔުވެންޓަސްއާއި ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް އަދި ބަޔާން މިއުނިކްއެވެ.