16 Mar 2017, 01:13
ހަލުވި ކަމާއެކު މުޅި ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫއާ ބެހޭ މައުލޫމާތު ސިއްހީ ދާއިރާއިން އޮޅުވާލައި ރައްޔިތުންނަށް ހަގީގަތް ހާމަނުކޮށް ތިބެން ޖެހޭ، އެއްވެސް ސަބަބެއް ނެތް ކަމަށް ހެލްތު މިނިސްޓަރު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
"ޗެނަލް 13"ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް މިރޭ ވިދާޅުވީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ރޯގާ ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށް އައި ހިސާބުން ފެށިގެން ކަމާ ބެހޭ ފަރާތްތަކުގެ އެހީގައި ފިޔަވަޅު އަޅަން ފަށާފައިވާނެ ކަމަށާއި އެއްވެސް ކަމެއްގައި އޮޅުވާލާފައި ނުވާނެ ކަމަށެވެ.
"ހެލުތު ދާއިރާއިން ހެލްތުގެ ކަމެއްގައި އޮޅުވާލަން ޖެހޭ އެއްވެސް ކަމެއް ނެތޭ. އަޅުގަނޑުމެންގެ ތަފާސްހިސާބުތައް ބެލެހެއްޓުމާއި ތަފާސްހިސާބު ރައްޔިތުންނަށް އޮޅުން ފިލިވައި ދިނުމުގެ ނިޒާމް އެއަށްވުރެން ހަރުދަނާކޮށް ތަރުތީބު ކުރެވިފައިވޭ. އެހިސާބްތައް ބައްލަވަން ބޭނުންފުޅު ބޭފުޅަށް ލިބޭނެ ގޮތް އަޅުގަނޑުމެންގެ އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
"ނަމަވެސް އެ ހިސާބުތައް ތިލަކުރުމުގައި ހުންނާނެ ވަކި އުސޫލްތަކެއް ވަކި ހަމަތަކެއް. ރައްޔިތުންނަށް އެކަން އޮޅުން ފިލުވައިދިނުމަށްޓަކައި ވަކިގޮތަކަށް އެ ހިސާބަތައް ޕްރެސެންޓް ކުރެވަންޖެހޭ،"
މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެެ ފުރާނައާ ގުޅިފައިވާ ބޮޑު މައްސަލައެއްގައި ހަގީގަތް އޮޅޭ ގޮތައް ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރާ ދޮގު ވާހަކަތައް ކުށްވެރިކުރާ ކަމަށާއި އެކަމުގައި އެންމެ އިސްކޮށް އުޅެނީ މިއަދު މި ސަރުކާރާ އިދިކޮޅު ފަރާތްތައް ކަމަށެވެ.
"ސިޔާސީ ގޮތުން ވަކި މަގުސަދުތަކެއް ހާސިލުކުރުމަށް ގައުމުގެ މަސްލަހަތު ގުރުބާން ކުރަން ތިބި ބައެއްގެ ފަރާތްތަކުން ނޫނީ ފެންނާނެ މަންޒަރުތަކެއް ނޫން މިއަކީ. މި މަންޒަރު އަޅުގަނޑުމެނަށް މިފެންނަނީ ހަމައެކަނި ސިއްހީ ދާއިރާއަކުންނެއް ނޫން. އަޅުގަނޑުމެންގެ އިގްތިސާދީ ކަންކަމާއި ސިއްހީ ދާއިރާ އާއި ތާއުލީމީ ދާއިރާތަކާ މެދު އެ ބޭފުޅުން ރައްޔިތުންގެ މެދުގައި އޮޅުން އަރާ ގޮތަށް ވާހަކަ ދެއްކުމުން ހައިރާނެއްް ނުވޭ. އެއީ އިސްލާމްދީން މިގައުމުގެ އޮންނަ ގޮތާ މެދު އޮޅުވާލައިގެން ވާހަކަދައްކާ ބައެއް،" ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހެލްތުގެ ދާއިރާއިން ކޮންމެ ރައްޔިތެއް ވެސް ބޭނުންފުޅު ވެލައްވާ މައުލޫމާތެއް ލިބޭނެ ކަމަށާއި އެ މަގު ފަހިވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ކޮންމެހެން އިނގެން ޖެހޭ މިންވަރުން ހުރިހާ ކަމެއްގެ މައުލޫމާތު ވެސް ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.