ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގެ 50 އިންސައްތަ ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އެކްލަބަށް ޗެލެންޖް ކުރައްވައިފިއެވެ.

ދާދިފަހުން ބަނގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕް ކާމިޔާބުކުރި ޓީސީގެ ކާމިޔާބު ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސް ޔާމީނެވެ. އެ ހަފްލާގައި ރައީސް ޔާމީން ވަނީ ޓީސީއަށް ޗެލެންޖަކާ ކުރިމަތި ކުރުވައިފައެވެ.

"އަޅުގަނޑުގެ ޗެލެންޖަކީ ނެޝަނަލް ޓީމު ސްކޮޑެއް ދެން އެކުލަވާލާއިރު އޭގެ 50 ޕަސަންޓް ޓީސީގެ ކުޅުންތެރިންނަށް ހައްދަވަން. އެހެންކަމުން ގައުމީ ޓީމުގެ ސްކޮޑު ޓީސީގެ 50 ޕަސަންޓް ކުޅުންތެރިންނަށް ހައްދަވައިފިއްޔާ ޓީސީ ތިދަނީ އެއް ސްޓެޕުން އަނެއް ސްޓެޕަށް ޖަމްޕް ކުރަމުން. އަޅުގަނޑު ގަބޫލުކުރަން މި ޗެލެންޖް ޓީސީން ހާސިލްކުރާނެ ކަމަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޗެލެންޖެއް އަންނަންވާނީ ރައީސް ނުވަތަ ކުޅިވަރާބެހޭ ވަޒީރު ބުނެގެން ނޫން ކަމަށާއި ކުރިބޯއްޓަށްވުރެ ކައިރިން އެއްވެސް އެއްޗެއް ބޭނުންނުވާ ކަމަށެވެ. އަދި ކްލަބުގައި ދިރުމެއް ހުރިއްޔާ އުންމީދެއް އޮންނަންވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހާސިލްކުރަން ބޭނުންވާ މަގްސަދެއް، ލަނޑުދަނޑިއެއް އޮންނަންވާނެ. ކުރިބޯއްޓަށްވުރެ ކައިރިން އެއްވެސް އެއްޗެއް އަޅުގަނޑުމެން ބޭނުމެއް ނޫން. މިސަރަހައްދުގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަ އުފައްދާ. އެހެންވީމަ އަޅުގަނޑުމެންނަށް އެހިސާބަށް ދެވެންވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެހެން ޓީމުތަކުގެ ފެންވަރާ އެއް ހަމައަށް އަރާފައި ރާއްޖެއާ ވާދަކުރާނޭ އެހެން ބައެއް ނެތްވަރަށް މަސައްކަތްކުރަންވާނެ ކަމަށާއި މަސައްކަތްކުރަންވާނީ ހޯދާ ކާމިޔާބު ދެމެހެއްޓުމުގެ އަޒުމުގައި ކަމަށެވެ.