15 Mar 2017, 23:49
ރޮޓޭޓް ކުރެވޭ ގޮތަށް ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާ ގަވާއިދެއް ސުޕްރީމް ކޯޓުން ނެރެފިއެވެ.
އެ ގަވާއިދު ނެރުނު ނަމަވެސް މިހާތަނަށް ގާއިމްކޮށްފައި ވަނީ ހަމައެކަނި ދެކުނު ގޮތްޕެވެ. އެ ގޮފި ހުންނަނީ އައްޑޫ ސިޓީގެ މީދޫގަ އެވެ. ހދ. ކުޅުދުއްފުށީގައި ގާއިމް ކުރަންޖެހޭ އުތުރު ގޮފި ގާއިމްކޮށް، އަދިވެސް ފަނޑިޔާރުން ހަމަޖައްސާފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުން ނެރުނު ގަވާއިދު ބުނާ ގޮތުން ގޮފިތަކަށް ހަމަޖައްސާ ފަނޑިޔާރަކީ ހައި ކޯޓުގައި ކުރިއްސުރެ މަސައްކަތް ކުރާ ފަނޑިޔާރަކުނަމަ އެ ފަނޑިޔާރަކު ހަމަޖައްސާތާ މަދުވެގެން އެއް އަހަރު ވުމުން އެ ފަނޑިޔާރަކު ބޭނުންނަމަ ހައިކޯޓަށް ނުވަތަ ހައިކޯޓުގެ އެހެން ގޮތްޕަކަށް އަލުން ހަމަޖެއްސިދާނެ އެވެ.
އެ ގަވާއިދަށް އަމަލު ކުރަން ފެށުމަށްފަހު، އަލަށް އައްޔަން ކުރެވޭ ހައި ކޯޓުގެ ފަނޑިޔާރުން ހަމަޖައްސާނީ އެ ވަގުތަކު ހުސްކޮށް ގޮތްޕެއްގެ ފަނޑިޔާރުކަމުގެ މަގާމަށް ކަމަށް އެ ގަވާއިދުގައި ބުނެފަވެ އެވެ.
ކޯޓުތަކުގެ ގާނޫނު ގެ 35 ވަނަ މާއްދާގެ (ޅ)ގައި ބުނެފައި ވަނީ އެ މާއްދާގެ ދަށުން ގާއިމްކުރެވޭ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށެވެ.