02 Jul 2011, 21:26
ޑެންގީ ހުންޖެހި ހާލު ސީރިއަސްވި، ހަތަރު އަހަރުގެ ކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ހާއްސަ ފަރުވާ ދެމުން ގެންދާ ކަމަށް ސްޕެޝަލް ޓާސްކް ފޯހުން މިރޭ ބުނެފި އެވެ.
ޓާސްކް ފޯހުގެ އިސް އޮފިޝަލަކު ވިދާޅުވީ ޑެންގީ ހުންޖެހިގެން މިދިޔަ އަންގާރަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކުރި ޏ. ފުވައްމުލަކު ހޯދަނޑު ދިގުދަނޑިގޭ، ހުސެއިން ޒާދު އިސްމާއިލްގެ ހާލަތު ރަނގަޅު ނޫން ކަމަށް އައިޖީއެމްއެޗުން އަންގާފައިވާ ކަމަށެވެ. އަދި އެކުއްޖާ އަށް އެ ހޮސްޕިޓަލުން ދެ ވެން ހުރި އެންމެ ރަނގަޅު ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި ޑެންގީ ހުން ވަރަށް ބާރަށް ފެތުރެމުންދާތީ، ޑެންގީ ކޮންޓްރޯލް ކުރެއްވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޤައުމީ ޓާސްކްފޯހެއް އުފައްދަވާފަ އެވެ.
އެ ޓާސްކްފޯހުން ކުރުމަށް ހަމަޖައްސާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޑެންގީ ހުމުގެ ނުރައްކާތެރިކަން އާންމުންނަށް އޮޅުން ފިލުވައިދިނުމާއި އެކަމުގެ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް، އެކި ޕްރޮގްރާމްތައް ހިންގުމާއި ބަލިން ރައްކާތެރިވުމަށް މިވަގުތަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުގެ ކަމާ ބެހޭ ދާއިރާތައް މެދުވެރިކޮށް، އެޅުން ހިމެނެ އެވެ. މީގެތެރޭގައި، އާންމު ސާފުތާހިރުކަން ބެލެހެއްޓުމާއި ޑެންގީ ހުން ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވާތީ، ކުޑަކުދިންނަށް އަމާޒުކޮށްގެން ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ.
އެގޮތުން އެޓާސްފޯހުގެ ފަރާތުން ގެންދަނީ މާލެ އާއި އަތޮޅު ތެރޭގައި މަދިރި ކޮންޓްރޯލް ކުރުމަށް ފޮގް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަދިރި ކޮންޓްރޯލް ކުރުމާއި ޑެންގީއާ ބެހޭ މައުލޫމާތުތައް ވެސް އެފަރާތުން ދަނީ އާއްމު ފަރާތްތަކަށް ފޯރުކޮށްދެމުންނެވެ.
ޑެންގީ ހުންޖެހިގެން މިދިޔަ ހަފްތާގައި 48 ގަޑިއިރުގެ ތެރޭގައި ހަތަރު ކުއްޖަކު ވަނީ މަރުވެފަ އެވެ.