ގދ. ތިނަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދާ މާބަނޑު އަންހެނަކު ސުވައިން ފުލޫ ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން، މާލެ ގެންނަން ނިންމައިފި އެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ މާބަނޑު މީހާއަކީ ގދ. ފިޔޯރީ ސިއްހީ މަރުކަޒުން އެ ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހެކެވެ.

ތިނަދޫ ހޮސްޕިޓަލްގެ އެސިސްޓެންޓް ޑިރެކްޓަރު އައިނަތު އަބްދުލް ހަކީމް "ސަން"އަށް މިރޭ ވިދާޅުވީ ސުވައިން ފުލޫއަށް ޝައްކު ކުރެވޭ އެ އަންހެން މީހާ މިރޭ ފަތިހު މާލެ ގެންނާނެ ކަމަށެވެ.

"ހެލިކަޕްޓަރުގައި މިއަދު މާލެ ފޮނުވަން އުޅުނީ. ނަމަވެސް ވިއްސާރަވުމާ ގުޅިގެން އެކަން ނުކުރެވުނީ. މިރޭ ފަތިހު ފްލައިޓުން ޖާގަ ލިބިފައިވުމުން މާލެ ފޮނުވަން ވަނީ ނިންމާފައި،" އައިމިނަތު ވިދާޅުވި އެވެ.

އައިމިނަތު ވިދާޅުވީ ސުވައިން ފުލޫއަށް ޝައްކު ކުރެވޭ ހަތަރު މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. މާބަނޑު މީހާ މާލެ ފޮނުވުމަށް ނިންމީ އެޗްވަންއެންވަން (ސްވައިން ފުލޫ)ގެ އަސަރު ކުރާ ހައި ރިސްކް ގްރޫޕުތަކުގެ ތެރޭގައި މާބަނޑު މީހުން ހިމެނޭތީ ކަމަށެވެ.

ސުވައިން ފުލޫ ޖެހުނު އަދަދު މިއަދު ވަނީ 82 އަރާފަ އެވެ. އެ ބައްޔަށް ޝައްކު ކުރެވިގެން 279 މީހަކު ވަނީ ޓެސްޓުކޮށްފަ އެވެ. މާލެ އާއި އަތޮޅުތަކުން އިއްޔެ އެކަނިވެސް 2000 ވުރެ ގިނަ މީހުން ވަނީ ފަރުވާއަށް އެދިފަ އެވެ.

ްުސްވައިން ފުލޫ ޖެހިގެން މިހާތަނަށް އެކަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ.