15 Mar 2017, 23:15
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޒައާމަތުގައި ދިވެހި ފުޓްބޯޅައަށް ޓީސީ ސްޕޯޓްސް ކްލަބުން މިހާރު ހޯދާފައިވާ ކާމިޔާބަށްވުރެ ބޮޑު ކާމިޔާބެއް އަދިވެސް ހޯދޭނެ ކަމަށް އުންމީދުކުރާ ކަމަށް އެކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
ޓީސީގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަމުން، ރާއްޖޭން ބޭރުގައި ބޭއްވި މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިދިން ފުރަތަމަ ދިވެހި ކްލަބުގެ ޝަރަފް ޓީސީއަށް ހޯދައިދިން ކޯޗު ނިޒާމްބެ ބުނީ، ރާއްޖެއަށް ބޮޑު ޗެލެންޖެއް އެބައޮތް ކަމަށާއި އެއީ ރާއްޖެއަށް އެއަށްވުރެ ވެސް އުސް އަދި އަލިގަދަ ތަށްޓެއް ބަހައްޓާލުން ކަމަށެވެ. ޓީސީން މިރޭ ބޭއްވި ހާއްސަ ހަފްލާ، ޝަރަފްވެރިކޮށްދެއްވީ ރައީސް ޔާމީނެވެ.
"ދިވެހި ފުޓްބޯޅައަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި މަސައްކަތްޕުޅުގެ އަލީގައި އެ މަނިކުފާނުގެ ޒައާމަތުގައި އަދި މިއަށްވުރެ ބޮޑު ކާމިޔާބީތަކެއް ލިބިގެންދިއުން. ދިވެހި ފުޓްބޯޅައަށް މިއޮތީ ވަރަށް ބޮޑު ޗެލެންޖެއް. ދިވެހީންނަށް ގޯލްޑް މެޑެލް ލިބޭނީ ހަމައެކަނި ސަރަހައްދީ މުބާރާތްތަކަކުން ނޫން. އަޅުގަނޑުމެންގެ ޗެލެންޖަކީ ދިވެހީން މަސައްކަތްކޮށްގެން ދިވެހި ފަސްގަނޑުގައި މިއަށްވުރެ އުސް އަލިގަދަ ތަށްޓެއް ބަހައްޓާލުން،" އޭނާ ބުންޏެވެ.
ނިޒާމްބެ ބުނީ، ޓީސީއަށް ބަނގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ކަޕް ކާމިޔާބުކުރެވުނީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތާއެކު ކަމަށާއި ޓީމާ ހަވާލުވީ ބޮޑު ގޮންޖެހުމަކާއެކު ކަމަށެވެ. އެ ގޮންޖެހުމަކީ ތަމްރީންކުރަނީ ގްރޫޕް ގަނޑެއް ކަމާއި އެމީހުން ތަމްރީންކޮށް ދޫކޮށްލަނީ އަނެއްކާވެސް އެމީހުން ފިޒިކަލީ ފިޓްކޮށްފައި ކަމަށްވުން ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑަށްވުރެ ވިސްނުންތޫނު ރައީސެއް، މިގޮތަށް ބާކީ ކޮށްލާފައިތިބި ވިއްސި ވިހާލިވެފައިތިބި ޒުވާނުންތަކެއް ހަމަ މަގަށް އަޅުވަން ކުރެއްވި މަސައްކަތް ފާހަގަކުރަން. އަޅުގަނޑު ދަންނަވާނީ މިމަސައްކަތުގައި ކުލަ ޖެހިގެންދިޔައީ ހަމަޔަގީނުންވެސް އެމަނިކުފާނުގެ ތޫނު ވިސްނުންފުޅުންނޭ. ކާމިޔާބު ހޯދިދާނެ ކަމަށް އަޅުގަނޑު މިއަދު ގަބޫލުކުރަން. އަޅުގަނޑު ފެށިއިރު ގަބޫލެއްނުކުރަން. ވަރަށް ނާއުންމީދުގައި މަސައްކަތް ފެށީ. އެހެންނަމަވެސް މިއަދު މިވަނީ އެކަން ކާމިޔާބު ކުރެވިފައި،" އޭނާ ވިދާޅުވިއެވެ.
ނިޒާމްބެއަކީ އެފްއޭއެމުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗެވެ. ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީން ވަނީ މިދިޔަ އަހަރު ބޭއްވި ދިވެހި ޕްރިމިއާ ލީގާއި، ޕްރެޒިޑެންޓްސް ކަޕް އަދި އެފްއޭ ކަޕްގެ ރަނަރަޕް މަގާމު ހޯދައިފައެވެ.