15 Mar 2017, 21:45
އައްޑޫ ސިޓީ ހުޅުދޫގައި ޒުވާނަކު ދަން ޖެހިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ ދަންޖެހިގެން މީހަކު މަރުވެގެން ރިޕޯޓްކޮށްފައި ވަނީ މިރޭ 7:45 ގައި ކަމަށެވެ. އަދި އެ ސަރަހައްދަށް ގޮސް ބެލި އިރު 19 އަހަރުގެ ޒުވާނަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޒުވާނާ ދަން ޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރުއުޅެމުންދާ ގޭގެ ފާހަނާ ތެރޭގައި ކަމަށާއި އޭނާގެ ހަށިގަނޑު ހުޅުދޫ ސިއްހީ މަރުކަޒަށް ގެންގޮސް މައްސަލަ އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.
އަމިއްލަ އަށް މަރުވުމުގެ މައްސަލަތައް އިންތިހާ އަށް އިތުރުވަމުން އަންނަ އިރު މިއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑު ހަރާމް ކަމެކެވެ. އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި އަމިއްލަ އަށް މަރުވުން ނުވަތަ މަރުވާ ފަދަ ކަމެއް ކުރުން ނުވަތަ އަމިއްލަ ހަށިގަނޑަށް ގެއްލުންދިނުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށެވެ.
އާ ގާނޫނުލްއުގޫބާތުގައި ބުނެފައިވާ ގޮތުން އަމިއްލައަށް މަރުވާން އުޅުމަކީ ވެސް ކުށެކެވެ. އަދި އަމިލަޔަށް މަރުވާން އުޅުނުކަން ސާބިތުވެއްޖެ ނަމަ ދެވޭ އެންމެ ބޮޑު އަދަބެއްގެ ގޮތުން ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައި ވަނީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.