ޗައިނީޒް ސުޕާ ލީގު (ސީއެސްއެލް)ގެ ކްލަބު، ޝަންހާއީ ޝެންހުއާގެ އާޖެންޓީނާ ތަރި ކާލޮސް ޓެވޭޒް، ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ރެކޯޑް އަގެއްގައި މިއަހަރު ޝަންހާއީ ޝެންހުއާއާ ގުޅުނު ޓެވޭޒް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޓެވޭޒް ޗުއްޓީ ހޭދަކުރަމުން ދަނީ ނ. އަތޮޅުގެ ލަގްޒަރީ ރިސޯޓެއްގައި ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހަބަރުތައް ފޯރުކޮށްދޭ ވެބްސައިޓް 'މޯލްޑިވްސް އިންސައިޑާ'އިން ރިޕޯޓްކުރެއެވެ. ނަމަވެސް ޓެވޭޒް ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޝަންހާއީ ޝެންހުއާއާ ގުޅުމާއެކު ޓެވޭޒް ވެފައިވަނީ ދުނިޔޭގެ އެންމެ މުސާރަބޮޑު ކުޅުންތެރިޔާއަށެވެ. އުމުރުން 32 އަހަރުގެ އާޖެންޓީނާގެ ކުރީގެ ފޯވާޑް އާޖެންޓީނާގެ ބޮކާ ޖޫނިއާސްއިން ޝެންހުއާއަށް ބަދަލުވީ 40 މިލިއަން ޕައުންޑްގެ ފީއަކަށް މަހަކު ތިން ލައްކަ ދިހަ ހާސް ޕައުންޑް ލިބޭގޮތަށެވެ. އެހެންކަމުން ދެ އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި 84 މިލިއަން ޑޮލަރު ލިބޭނެއެވެ.

ޓެވޭޒް ވަނީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހާމް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީއަށް ކުޅުމަށްފަހު އިޓަލީގެ ޔުވެންޓަސްގައި ވެސް ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައެވެ.

ދުނިޔޭގެ ގިނަ ފުޓްބޯޅަ ތަރިން ޗުއްޓީ ހޭދަކުރުމަށް ފާއިތުވި އަހަރުތަކުގައި ވެސް ރާއްޖެ އައިސްފައިވެއެވެ. އޭގެ ތެރޭގައި ބަޔާން މިއުނިކްގެ އާރްޔެން ރޮބެންއާއި، މެންޗެސްޓާ ޔުނައިޓެޑްގެ ބަސްޓިއަން ޝުވަންސްޓައިގާ އަދި އިނގިރޭސިވިލާތުގެ ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމް ފާހަގަކޮށްލެވެއެވެ.